ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް އަބްދުﷲ މުނާޒް އައްޔަންކުރައްވައިފިއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް ހ. މާހިޔަ، އަބްދުﷲ މުނާޒް އައްޔަންކުރައްވާފައިވަނީ މިނިސްޓަރުގެ ނައިބު ފެންވަރުގައެވެ.
މުނާޒް އެމަގާމަށް އައްޔަންކުރެއްވި އިރު، އޭނާ ވަނީ އިއްޔެގެ ވަގުތެއްގައި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރަން ރައީސް އެކުލަވާލި ކޮމިޝަނުގެ މެމްބަރުކަމުން އިސްތިއުފާ ދެއްވައިފައެވެ.
މުނާޒަކީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގައި 24 އަހަރު ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި މުނާޒަކީ ޝަރަފުވެރިކަމާއެކު 2011 ވަނަ އަހަރު ސިފައިންގެ ހިދުމަތުން ރިޓަޔާކުރައްވާފައިވާ ބޭފުޅެކެވެ. ރިޓަޔަކުރެއްވި އިރު އޭނާ ހުންނެވީ ފަސްޓް ލެފްޓެނަންޓްގެ މަގާމުގައެވެ.
2011 ވަނަ އަހަރު ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސާވިސަސް އުފެއްދެވުމާ ގުޅިގެން މުނާޒް ވަނީ ސްޕްރިންޓެންޑެންޓްގެ މަގާމަށް އައްޔަންކުރައްވައި ޖަލުގެ އެންމެ އިސްވެރިޔާގެ މަގާމު އަދާކުރައްވައިފައެވެ. މުނާޒަކީ ލީޑާޝިޕް އެންޑް މެނޭޖްމަންޓްގެ ދާއިރާއިން ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ފެންވަރަށް ތައުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމުގައި ހުންނެވި އަހްމަދު ޝިހާން ވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު މަގާމުން ދުރުކުރައްވައިފައެވެ. އޭގެ ފަހުން ވަގުތީ ގޮތުން މޯލްޑިވްސް ކަރެޝަނަލް ސާވިސްގެ ހިންގުމާ ހަވާލުވެ ހުންނެވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް ހަސަން ޒިލާލެވެ.