ތިލަދުންމަތީގެ ތިން ރަށެއްގައި އޮތް ތިން ކުޅިއެއް ސަރުކާރުން ހިމާޔަތްކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު މައުލޫމާތު ދިން ގޮތުގައި ހިމާޔަތްކޮށްފައިވަނީ ތިލަދުންމަތީ ދެކުނުބުރީ ކޭލަކުނާއި އެރަށުގެ ވަށައިގެންވާ ފަރާއި ފަޅުގެ ސަރަހައްދާއި އެއަތޮޅު ނޭކުރެންދޫގެ ކުޅިއާއި ފާ އަދި ޗަސްބިން ސަރަހައްދާއި ތިލަދުންމަތީ އުތުރުބުރީ ބާރަށުގެ ކުޅިއާއި ފާ އަދި ޗަސްބިން ސަރަހައްދެވެ.
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން އެރަށްރަށުގެ އެސަރަހައްދަކީ ހިމާޔަތް ކުރެވިފައިވާ ސަރަހައްދުތަކެއް ކަމުގައި ކަނޑައެޅުމަށް ނިންމެވީ މިއަދު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހު ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރާއްޖޭގެ ކޮންމެ އަތޮޅަކުންވެސް އެއް ރަށާއި އެއް ފަރު އަދި އެއް ކަނޑޫފާ ހިމާޔަތްކުރުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެއް ވައުދެވެ.