ރައީސް އޮފީސް

ކަޅުވަކަރު މިސްކިތް ރަސްރަނި ބަގީޗާ ތެރޭގައި ބަހައްޓަން ނިންމައިފި

ޝަހީދާ އަބްދުﷲ ސައީދު

ކަޅުވަކަރު މިސްކިތް ރަސްރަނި ބަގީޗާ ސަރަހައްދުގެ ތެރޭގައި ބެހެއްޓެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފިއެވެ.

މިގޮތަށް ނިންމެވީ ކަޅުވަކަރު މިސްކިތް ބަހައްޓާނެ ތަނެއް ކަނޑައެޅުމާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުއެވެ. ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ނިންމުމަށް ވައުދުވެފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކުރިން ބޭއްވި ކެބިނެޓްގެ ބައްދަލުވުމުގައި ކަޅުވަކަރު މިސްކިތް ބަހައްޓާނެ ތަނެއް ކަނޑައެޅުއްވުމާ ގުޅޭގޮތުން ކުރެއްވި މަސައްކަތްތަކުގެ ތަފްސީލު މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖުގެ ފަންނީ ބޭފުޅުން ކެބިނެޓް މިނިސްޓަރުންނާ ހިއްސާ ކުރެއްވި ކަަމަށެވެ.

ކަޅުވަކަރު މިސްކިތް ރަސްރަނި ބަގީޗާ ސަރަހައްދުގެ ތެރޭގައި ބެހެއްޓުމަށް ނިންމެވީ މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ކުރެއްވި މަސައްކަތްތަކާއި ކެބިނެޓުގެ ވަޒީރުންނާ ހިއްސާ ކުރެއްވި މައުލޫމާތުތަކުގެ މައްޗަށާއި އަދި ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ފާޅުކުރެއްވި ހިޔާލުފުޅުތަކާއި ރައީސަށް އެރުވި ލަފާފުޅުތަކުގެ މައްޗަށް ރިއާޔަތް ކުރެއްވުމަށްފަހު ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ރައީސް އޮފީހުން މައުލޫމާތުދިން ގޮތުގައި ކަޅުވަކަރު މިސްކިތް އަލުން ބަހައްޓާނީ އިހުގެ އާސާރީ މިސްކިތެއްގެ ހައިބަތު ފެންނާނެހެން މީހުންނަށް ނަމާދުކުރެވޭނެ އިންތިޒާމުތަކާއެކު އަދި ބޭނުންވާ ފަރާތްތަކަށް ޒިޔާރަތްވެސް ކުރެވޭ ތަނެއްގެ ގޮތުގައި ކަމަށެވެ.

ކަޅުވަކަރު މިސްކިތަކީ ތަފާތު ކުރެހުން އަޅައިފައި ހުރި ފާރުތައް ހިރިގަލުން ހަދައި ބިންވަޅު ނަގައިފައި ހުރި މިސްކިތެކެވެ.

މި މިސްކިތުގައި ހިރިގަލުން ބިންވަޅުނަގައި ލިޔެވިފައިވާ ލިޔުމަކުން އެނގޭ ގޮތުގައި މިސްކިތް ބިނާ ކުރެވުނީ އައްސުލްތާން ހަސަން ނޫރައްދީން އިސްކަންދަރު ކައްތިރި ބަވަނަ މާހަރަދުންގެ ރަސްކަމުގެ 10 ވަނަ އަހަރުގައެވެ. މި ރަދުން ރަސްކަން ކުރެއްވީ މީލާދީން 1779 އިން 1799 އަށެވެ.