ސިއްހަތަށް ރަނގަޅު ނޫން ބާވަތްތަކާ މެދު ހޭލުންތެރި ކުރުމަށް ކުރެވޭ ހޭދަ އިތުރުކުރުމުގެ ވައުދު އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިއަދުން ފެށިގެން އެނާޖީ ޑްރިންގް ފަދަ ސިއްހަތަށް ގެއްލުންދެނިވި ކަންކަމާ ދުރުވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާލުވެއްޖެއެވެ.
ނައިބު ރައީސް އިފްތިތާހުކޮށްދެއްވި މި ޖަލްސާގައި ވާހަކަދައްކަވަމުން ވަނީ ސިއްހީ ދާއިރާއަކީ ކޮންމެ ސަރުކާރަކުންވެސް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ދާއިރާއެއްކަން ފާހަގަކުރައްވައިފައެވެ. މީގެ އިތުރުން ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ އެނގިފައިވާ އެއްޗަކަށް އަމަލު ކުރުމުގެ މުހިއްމުކަން ފާހަގަކުރައްވައިފައެވެ.
"އަޅުގަނޑުމެން ކިތަންމެ ވަރަކަށް ވާހަކަ ދެއްކި ނަމަވެސް، ކިތަންމެ ޖަލްސާތަކެއް ބޭއްވި ނަމަވެސް، ގައުމުގެ ހުރިހާ ދާއިރާތަކުން، ސްކޫލްތަކުން ފެށިގެން ގޭބީސީތަކުން ސަރުކާރުގެ އޮފީސްތަކާއި ކުލަބު ޖަމިއްޔާތަކާއި ކުޅިވަރު ކުޅޭ މީހުންގެ ތެރޭގައި މި ކަންތައްތަކަށް ސަމާލުކަމެއް ނުދެވިއްޖެ ނަމަ ފަސް އަހަރު ފަހުން އަޅުގަނޑުމެން ދައްކަންޖެހޭނީ މި ވާހަކަ،" ނައިބު ރައީސް ފަހަގަކުރެއްވިއެވެ.
މީގެ އިތުރުން ދިވެހިންނަކީ އަބަދުވެސް ވަރަށް އަޑުއަހާ، ނަސޭހަތުގެ އަޑު އެހޭ ބައެއް ނަމަވެސް ބައެއްފަހަރު އާދަކާދަ އާއި ފަރިތަވެފަ ހުންނަގޮތުން ކަމަކާ ބައްދަލު ނުވަނީސް އެކަމަކަށް ތައްޔާރުވުން ނުވަތަ އެކަމަކުން ރައްކާތެރިވުން، ފަރުވާ ކުޑަ ކުރެވުމުގެ ސަބަބުން އޮންނަނީ ތަންކޮޅެއް ދުރުގައި ކަމަށްވެސް ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޭނުންވާނަމަ މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.
ދިވެހިންގެ އާދަކާދައިގެ ތެރޭ ގެންގުޅޭ ނުރަނގަޅު އާދަތަކުގެ ސަބަބުން ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލިތައް ގިނަވެފައިވާ އިރު، މިޖަލްސާގައި އެޗްޕީއޭ އިން ހާމަކުރި ތަފާސް ހިސާބުން ދައްކާގޮތުގައި ސިއްހަތަށް ގެއްލުންވާ ބުއިންތަކާއި ކެއުންތަކުގެ ސަބަބުން ޖެހޭ ބަލިތަކުގެ އިންސައްތަ ރާއްޖޭގައި ހުރީ %84 ގައެވެ.