ފާއިތުވި ދެ ހަފުތާ ތެރޭގައި ފިނޭންސް މިނިސްޓްރީން 475.5 މިލިއަން ރުފިޔާގެ ޓީބިލް ވިއްކައިފި އެވެ.
ޓީބިލަކީ އިންޓަރެސްޓާ އެކު އަނބުރައި ދައްކާ ގޮތަށް ސަރުކާރުން ނަގާ ފައިސާ އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް ސަރުކާރުން ޓީ ބިލް ވިއްކުމަށް ކޮންމެ ހަފުތާއަކު އެއްފަހަރު ހުޅުވައިލައެވެ.
ފިނޭންސް މިނިސްޓްރީން ނެރޭ މާލީ ރިޕޯޓުގައި ބުނެފައިވާ ގޮތުން މިދިޔަ ހަފްތާގައި ވަނީ 231.4 މިލިއަން ރުފިޔާގެ ޓީބިލް ވިއްކައިފައެވެ.
އަދި އޭގެ ކުރީ ހަފުތާގައި މިނިސްޓްރީން 244.1 މިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައިވާ ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
މި ދެ ހަފްތާގައި ގިނަ އަދަދެއްގެ ޓީ ބިލް ވިއްކާފައި ވާއިރު ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް ވިއްކާފައި ވަނީ 936.4 މިލިއަން ރުފިޔާގެ ޓީބިލް ކަމަށް މާލީ ރިޕޯޓްގައި ވަނީ ބުނެފައެވެ.
މިދިޔަ ދެ ހަފްތާއަކީ މިހާތަނަށް މި އަހަރު އެންމެ ގިނައިން ޓީބިލް ވިއްކި ދެ ހަފްތާއެވެ. ނަމަވެސް މީގެކުރީންވެސް ވަނީ ގިނަ އަދަދަކަށް ޓީބިލް ވިއްކާފައެވެ.
އެގޮތުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މިދިޔަ އަހަރުގެ އޯގަސްޓު މަހުގައި ވަނީ 1.2 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކާފައެވެ.