ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކޮވިޑްގެ ހިޔަނި ނޭޅޭ އެއްވެސް އާއިލާއެއް ރާއްޖޭގައެއް ނެތް، މުޅި އިގްތިސޯދު ކަރުތާފެނަށް ގަންބާލައިފި: ރައީސް

އިބްރާހިމް ޒަކީ

ކޮވިޑުގެ ހިޔަނި ނޭޅޭ އެއްވެސް އާއިލާއެއް ރާއްޖޭގައި ނެތް ކަމަށާއި ކޮވިޑު ރާއްޖޭގެ މުޅި އިގްތިސޯދު ކަރުތާފެނަށް ގަންބާލައިފި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުން މިދާ ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، މީގެ އިރުކޮޅެއް ކުރިން ގައުމާ މުހާތަބު ކުރައްވައި ދެއްވި ހިތާބުގައެވެ.

ރައީސް ވިދާޅުވީ، އަޅުގަނޑުމެންވެސް މިނިވަން ދުވަސް ފާހަގަކުރަނީ އުފަލާއި ހިތްހަމަޖެހުމާއެކުގައި ކަމަށާއި، ކުރިމަގަށްޓަކައި ކުރާ ވަރަށް ފޮނި އުންމީދުތަކަކާއެކުގައި ކަމަށެވެ. ނަމަވެސް، މިނިވަންކަމުގެ ދަތުރުގައި، އަޅުގަނޑުމެންނަށް މިހާރު އާދެވިފައި މިތިބީ ކިހާ ހިސާބަކަށްތޯ ވިސްނައިލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ކޮވިޑް 19ގެ ބަލިމަޑުކަމުގެ ސަބަބުން މުޅި ދުނިޔެ މިއަދު ވަނީ ފަހުގެ ޖީލުތައް ތަޖުރިބާ ނުކުރާ ވަރުގެ ބަނަކަމެއްގެ ތެރޭގައި ކަމަށެވެ. މި ބަލީގެ ހިޔަނި ނޭޅޭ އެންމެ އާއިލާއެއް ރާއްޖޭގައިވެސް ނެތް ކަމަށާއި، މިއީ ބަލިމަޑުކަމެއް ކަމަށްވިޔަސް، މިބަލީގެ ޖަރާސީމު ހަމަލާ ދެނީ ހަމައެކަނި އިންސާނުންގެ ހަށިގަނޑަކަށް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ކޮވިޑް ރާއްޖެ އެތެރެ ވެ، ވައިގެ ބަނދަރުތައް ބަންދުކުރަން މަޖުބޫރުކުރު ކުރުވާފައިވާ ކަމަށާއި، އާންމު ދިރިއުޅުމުގެ އާދަތައް މުޅިން ބަދަލުކޮށް، އެކަމުގެ ސަަބަބުން ދަރިންނަށް ކިޔަވައިދިނުމަށް ހުރަސް އެޅިފައިވާކަމަށްވެސް ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ވިޔަފާރިތައް ބަނގުރޫޓުކޮށް، ދަތުރުފަތުރާއި ފަތުރުވެރިކަން ހުއްޓުމަކަށް ގެނެސް، އިމްޕޯޓް އެކްސްޕޯޓަށް ބުރޫއަރުވައި، ރާއްޖޭގެ މުޅި އިގުތިސާދު ކަރުތާފެނަށް ގަންބާލާފައިވާކަމަށްވެސް ވިދާޅުވިއެވެ.

"ކޮވިޑް 19 ގާދޫކޮލުން އެތެރެވެ، އަޅުގަނޑުމެންގެ ވައިގެ ބަނދަރުތައް ބަންދުކުރަން މަޖުބޫރުކުރުވި. އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގެ އާދަތައް މުޅިން ބަދަލުކޮށްފި. ދަރިންނަށް ކިޔަވައިދިނުމަށް ހުރަސް އެޅިއްޖެ. ވިޔަފާރިތައް ބަނގުރޫޓުކޮށް، ދަތުރުފަތުރާއި ފަތުރުވެރިކަން ހުއްޓުމަކަށް ގެނެސްފި. އިމްޕޯޓް އެކްސްޕޯޓަށް ބުރޫއަރުވައި، ރާއްޖޭގެ މުޅި އިޤްތިޞާދު ކަރުތާފެނަށް ގަންބާލައިފި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކޮވިޑް 19ގެ ސަބަބުން ބަންދުކުރިތާ ތިން މަހަށްފަހު، ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާފައިވާ ކަމަށެވެ.

ނަމަވެސް އިގުތިސާދީ ގޮތުން އަދި އޮތީ ދަތި އުނދަގޫ ދުވަސްތަކެއް ކަމަށާއި، "އަޅުގަނޑުމެންގެ އުންމީދަކީ މިއަހަރުގެ ފަހުކޮޅަށްދާއިރު ފަތުރުވެރިކަން ރަނގަޅުވެ، އިގުތިސާދަށް ހެޔޮ ބަދަލުތަކެއް އައުން،" ކަމަށް ރައީސް ވިދާޅުވިއެވެ.