ޚަބަރު

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާ މިއަހަރު ދުވާފަރުގައި

މަރިޔަމް ޝަހުދާ

މިއަހަރު ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ހާއްސަ ޖަލްސާ ރ. ދުވާފަރުގައި ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމަވައިފި އެވެ.

26 ޑިސެމްބަރުގައި ދުވާފަރު ޕްރައިމަރީ ސްކޫލްގައި އެއްބައިވަންތަކަމުގެ ދުވަހުގެ ހާއްސަ ޖަލްސާ ކުރިއަށް ދިއުމަށް ހަމަޖެހިފައިވާ އިރު މި ޖަލްސާ ޝަރަފުވެރިކޮށްދިނުމަށް ހަމަޖެހިފައި ވަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ. ރައީސް ސޯލިހުގެ އިތުރުން މިޖަލްސާގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން އާންމު ކުރި ބަޔާނެއްގައި ބުނެފައިވެއެވެ.

އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި އެދުވަހާ ގުޅޭ ގޮތުން ވަހަކަ ދެއްކުމުގެ އިތުރުން، އެ ދުވަހާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯރިޕޯޓެއް ދެއްކުމަށްވެސް ހަމަޖެހިފައިވާ ކަމަށް ހޯމް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ. މީގެ އިތުރުން ސުނާމީ ކާރިސާގެ ސަބަބުން ދުވާފަރުގެ ރައްޔިތުން ހާލުގައި ޖެހުނު އިރު އެހީތެރިކަން ފޯރުކޮށްދިން ރަށްތަކަށް އެކަމުގެ އަގު ވަޒަންކުރުމުގެ ހަނދާނީ ފިލާ ދިނުމަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ދިވެހިން އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރަން ފެށީ 2004 ވަނަ އަހަރު ޑިސެމްބަރު 26ގައި ރާއްޖެއަށް އެރި ސުނާމީ ކާރިސާގައި ދިވެހި ރައްޔިތުން ދެއްކި އެކުވެރިކަމާއި އެއްބައިވަންތަކަން ފާހަގަކުރުމުގެ ގޮތުންނެވެ.