ޚަބަރު

ދީބާޖާ މައްސަލައިގައި ދައުލަތަށް ވީ ގެއްލުމުގެ ބަދަލު ހޯދުމަށް ރޮޒެއިނާ އޭޖީ ރިފްއަތަށް ގޮވާލައްވައިފި

އިބްރާހިމް ޒަކީ

1

ދީބާޖާ މައްސަލައިގައި ދައުލަތަށް ވީ ގެއްލުމުގެ ބަދަލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިފްއަތަށް ގޮވާލައްވައިފިއެވެ.

އެކަމަށް ގޮވާލައި ރޮޒެއިނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ މައްސަލައާ ބެހޭގޮތުން އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ހުށަހުއްވާފައިވަނީ ރަނގަޅު ލަފާތަކެއް ކަމަށެވެ.

އެ ލަފާތަކާ އެއްގޮތަށް އޭޖީ އަމަލުކުރައްވާނެ ކަމަށް އުންމީދުު ކުރައްވާ ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދީބަޖާއާއެކު ހެދި އެއްބަސްވުމެއް އޭގެ ފަހުން އުވާލި މައްސަލައިގައި ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް ސަރުކާރުން 348 މިލިއަން ރުފިޔާ ދިނުމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ތެރޭގައެވެ.

ނަމަވެސް ބަދަލުގެ ގޮތުގައި ދީބަޖާއަށް ދޭން ޖެހޭ ފައިސާގެ އަދަދު ބޮޑުވުމުގެ ސަބަބުން ގިނަ ބަޔަކު އެކަމާ ކަންބޮޑުވުން ފާޅުކުރަން ފެށުމުން އެ މައްސަލައިގައި މެދު މިނުގެ ހައްލެއް ހޯދުމަށް ސެޓްލްމެންޓް ކޮމިޓީއެއް ހަދައި ދީބާޖާއާއެކު ސަރުކާރުން މަޝްވަރާކުރުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށެވެ. ނަމަވެސް އެ ނިންމުމާ އެއްގޮތަށް ދީބަޖާއަށް ފައިސާ ދޫކޮށްފައެއް ނުވެއެވެ.

އެކަން އެހެން އޮތްއިތު، ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުން އުވާލާފައިވަނީ އެ އެއްބަސްވުމާ އެއްގޮތަށް އެ ކުންފުނިން އަމަލުނުކުރުމުން ކަމަށްވާތީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް އެއްވެސް ފައިސާއެއް ނުދިނުމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު އިއްޔެ ވަނީ އަންގަވައިފައެވެ.

އެކަމާ ގުޅިގެން ރޮޒެއިނާ މިއަދު ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ކަންކަމުގައި ސަރުކާރުން ބޮޑެތި ބަދަލުތައް ދިނުމަށް ކޯޓުން ހުކުމް ކުރިއަސް އޮޑިޓާ ޖެެނެރަލް ފާހަގަކުރައްވާފައިވާ މިންވަރަށް ބެލުމަށްފަހު ނޫނީ އެކަންކަމާއިގެން ކުރިއަށް ނުދިއުން މުހިއްމު ކަމަށެވެ.

ލިބުނު ރަށް ވިއްކާލައިގެން، ދީބާޖާއަށް ލިބުނު ހުރިހާ ގެއްލުމެއް ފޫބެދިފައިވާ ކަމަށާއި ލީސް އެކުއިޒަޝް ކޮސްޓްގެ ގޮތުގަައި ލިބެން އޮތް އާމްދަނީ ގެއްލުމުގެ އިތުރުން ދަތުރު ފަތުރަށް ހަރަދު ކުރަން ޖެހުމުގެ ސަބަބުން ހުރިހާ ގެއްލުމެއް ލިބިފައި އޮތީ ދައުލަތަށް ކަމަށްވެސް ރޮޒެއިނާ ވިދާޅުވިއެވެ.

"15 ހެކްޓަރުގެ ބިން ދީބާޖާއަށް ދޭން ކޮންޓްރެކްޓްގައި އޮތްއިރު، މީތި 37.6 ހެކްޓަރުގެ ރަށެއް އެއްކޮށް ދޭގޮތަށް ނިމިގެން ދިއުމަކީ ދައުލަތަށް ލިބުނު ވަރަށްބޮޑު ގެއްލުމެއް. އޮޑިޓާޖެނެރަލް މި މައްސަލަ ބަލަން އޭސީސީއަށް ފޮނުވަން ނިންމި ނިންމުމަށް މަރުހަބާ ދަންނަވަން." ރޮޒެއިނާ ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟