ހުޅުމާލެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކޮށްފައިވާ ކަމަށް ބުނެ، އަންހެން މީހާއާ ހަވާލާދީ ރާއްޖޭގެ ވެބްސައިޓެއް ކަމަށްވާ "މެންދުރު އޮންލައިން" އިން ރިޕޯޓުކުރި ވާހަކަތައް ކިޔައިދިނީ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ކަމަށް ބުނެފައިވާތީ، އެ މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެން އާޒިމާ ފުލުހަށް ހުށަހަޅުއްވައިފި އެވެ.
ސަފާރީގެ ރޭޕް ކޭސްގެ ވިކްޓިމްއާ ހަވާލާދީ "މެންދުރު"ގައި ލިޔުން ޝާއިއު ކުރިތާ ތިން ހަފްތާ ފަހުން އެ ނޫހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ކުރީގެ ބަންޑާރަ ނައިބުކަން ވެސް ކުރައްވާފައިވާ ބޭކަނބަލަކު ބޭރުގެ އަންހެން ކުއްޖަކު ސަފާރީއެއްގައި ރޭޕްކޮށްގެން އުޅޭ ކަމަށާއި އެ ވާހަކަ އެ ނޫހަށް ސީދާ ވިކްޓިމްގެ ފަރާތުން ގެނެސްދޭނެ ކަމަށް ބުނެ ވަރަށް އިތުބާރު ކުރެވޭ ގޮތަކަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ވިކްޓިމްއަށް މިވާހަކަތައް ކިޔައިދޭން ވަރަށް އުނދަނގޫވާނޭ ކަމަށް ބުނެ، ކަން ހިނގައިދިޔަ ގޮތުގެ ތަފްސީލު މެންދުރު އޮންލައިނަށް ކިޔައިދިނީ ދިވެހި ބަހުން ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު ކަމަށް ވެސް ބުނެފައިވެ އެވެ.
ނަމަވެސް އެ ވާހަކަތައް އާޒިމާ ވަނީ ދޮގު ކުރައްވައިފަ އެވެ. އާޒިމާ އިއްޔެ ވިދާޅުވީ، އެކަމާ ގުޅިގެން އެއްވެސް ނޫހަކާ ވާހަކަ ދައްކަވައިފައި ނުވާނެ ކަމަށާއި އޭނާއަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދި އެ މައްސަލަ ބަލައި ދިނުމަށް އެދި ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅުއްވައިފައިވާނެ ކަމަށް އާޒިމާ މިއަދު ވަނީ ވިދާޅުވެފަ އެވެ.
"މިފަދަ ކަމެއްގައި އަޅުގަނޑުގެ ނަން ބޭނުންކޮށްފައިވަނީ ކޮން މަގުސަދެއްގައި ކަމެއް އަންޑަސްސްޓޭންޑެއް ނުވޭ،" އާޒިމާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.
ސަފާރީ ރޭޕް ކޭސްއާ ގުޅިގެން މެންދުރު އޮންލައިންގައި ޖެހި ލިޔުމާ ގުޅިގެން ފުލުހުން ބުނީ، އެ ވެބްސައިޓަކީ ރެޖިސްޓާކޮށްގެން ހިންގާ ނޫހެއް ނޫން ކަމަށާއި އެ އާޓިކަލްއާ ގުޅިގެން މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި ސަފާރީގައި ހިނގާފައިވާ ޖިންސީ ގޯނާގެ މައްސަލައިގައި މިހާތަނަށް ތުހުމަތުކުރެވެނީ ފުރަތަމަ ހައްޔަރުކުރި ދެ މީހުންނަށް ކަމަށާއި ޖިންސީ ގޯނާއަށްވުރެ ބޮޑު ކަމެއްވެސް އެ ސަފާރީގައި ހިނގާފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށް ވެސް ފުލުހުން ބުންޏެވެ.