ޚަބަރު

ސަފާރީ ރޭޕް ކޭސްއާ ގުޅިގެން އެއްވެސް ނޫހަކާ ވާހަކައެއް ނުދައްކަން، ގާނޫނީ ފިޔަވަޅު އަޅާނަން: އާޒިމާ

އަލީ އަފާފު ރަމީޒު

1

ހުޅުމާލޭ ބޭރުގައި އޮތް ސަފާރީގައި ހިންގި ޖިންސީ ގޯނާގެ މައްސަލައާ ގުޅިގެން އެއްވެސް ނޫހަކާ ވާހަކަ ދައްކާފައިނުވާނެ ކަމަށާއި އެ ތުހުމަތުތަކާ ގުޅިގެން އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒު މިނިސްޓަރު އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.

އާޒިމާ މިގޮތަށް ވިދާޅުވެފައިވަނީ ސަފާރީ ކޭސްއާ ގުޅިގެން ވިކްޓިމްއަށް ވާހަކަތައް ކިޔައިދޭން އުނދަގޫވާ ކަމަށް ބުނެ، ކަން ހިނގައިދިޔަ ގޮތުގެ ތަފްސީލު މެންދުރު އޮންލައިންއަށް ކިޔައިދިނީ އާޒިމާ ޝުކޫރު ކަމަށް ބުނެ އެ ނޫހުން ނެރެފައިވާ ބަޔާނާ ގުޅިގެނެވެ.

މެންދުރު އޮންލައިންގެ ނޫސްބަޔާން ޝެއާކުރައްވައި އާޒިމާ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ އެވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެކަމާ ގުޅިގެން އެއްވެސް ނޫހަކާ ވާހަކަ ދައްކާފައިނުވާނެ ކަމަށާއި އޭނާއަށް ކޮށްފައިވާ ތުހުމަތުތަކާ ގުޅިގެން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މެންދުރު އޮންލައިނަށް އަޅުގަނޑު މައުލޫމާތު ދިނިއްޔާ ދިން ގޮތަކާ، ވާހަކަ ދެއްކި މީހަކާ ހުންނަންވާނެ ނޫންތޯ؟،" އާޒިމާ ވިދާޅުވިއެވެ.

މެންދުރު އޮންލައިނުން ނެރެފައިވާ ބަޔާނުގައި ވަނީ ކުރީގެ ބަންޑާރަ ނައިބުކަން ވެސް ކުރައްވާފައިވާ ބޭކަނބަލަކު ބޭރުގެ އަންހެން ކުއްޖެއް ސަފާރީއެއްގައި ރޭޕްކޮށްގެން އުޅޭ ކަމަށާއި އެ ވާހަކަ އެ ނޫހަށް ސީދާ ވިކްޓިމްގެ ފަރާތުން ގެނެސްދޭނެ ކަމަށް ބުނެ ވަރަށް އިތުބާރު ކުރެވޭ ގޮތަކަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

"ވިކްޓިމް ކަމަށް ބުނާ ފަރާތަކުން ފޯނު މެދުވެރިކޮށް ކުޑައިރުކޮޅެއް ވަންދެން ވާހަކަ ދެއްކުމަށްފަހު، ވިކްޓިމްއަށް މިވާހަކަތައް ކިޔައިދޭން ވަރަށް އުނދަނގޫވާނޭ ކަމަށްބުނެ، ކަންހިނގައިދިޔަ ގޮތުގެ ތަފްސީލު މެންދުރު އޮންލައިނަށް ކިޔައިދިނީ ދިވެހި ބަހުން ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝުކޫރު،" ބަޔާނުގައިވެއެވެ.

ބަޔާނުގައި ވަނީ އެ ނޫހުން ބެލި ބެލުމުން ސަފާރީގައި ހިނގާފައިވަނީ ރޭޕްގެ މައްސަލައެއް ނޫން ކަމަށާއި މި މައްސަލަ "ރޭޕް ކޭސް" ގެ ގޮތުގައި ބޮޑުކޮށްލީ މީގައި ސިޔާސީ ފަރާތްތަކަކާ ގުޅުން ހުރި ބައެއް ތިބުމުން ކަމަށެވެ. އަދި މިކަން ސިޔާސީކޮށްލުމުގެ ނިޔަތުގައިކަން އެ ނޫހަށް މިހާރު ކަށަވަރުވެފައިވާ ކަމަށް ބުނެފައިވެއެވެ.

އެ މައްސަލައާ ގުޅިގެން މީގެ ކުރިން ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ އެ ނޫހަކީ ރެޖިސްޓާކޮށްގެން ހިންގާ ނޫހެއް ނޫން ކަމަށާއި އެ އާޓިކަލްއާ ގުޅިގެން މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ ސަފާރީގައި ހިނގާފައިވާ ޖިންސީ ގޯނާގެ މައްސަލައިގައި މިހާތަނަށް ތުހުމަތުކުރެވެނީ ދެމީހުން ކަމަށާއި އެއީ ކުރިންވެސް ހައްޔަރުކުރި ދެމީހުން ކަމަށެވެ. އަދި ޖިންސީ ގޯނާއަށްވުރެ ބޮޑު ކަމެއް އެ ސަފާރީގައި ހިނގާފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟