ޚަބަރު

ނުރަނގަޅު ކާނާގެ ބާވަތްތަކުން މީހުން ދުރުކުރުމުގެ މަސައްކަތް ކުރާނަން: މިނިސްޓަރ އަމީން

މަރިޔަމް ޝަހުދާ

ދުންފަތާއި ސުޕާރި އާއި އެނާޖީ ޑްރިކްންސް ފަދަ ހަށިގަނޑަށް ގެއްލުން ދެނިވި ނުރަނގަޅު ކާނާއިން މީހުން ދުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރ އޮފް ހެލްތް އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އަމީން މިހެން ވިދާޅުވީ ސިއްހަތަށް ރަނގަޅު ނޫން ބާވަތްތަކާ މެދު ހޭލުންތެރި ކުރުމަށް ކުރެވޭ ހޭދަ އިތުރުކުރުމުގެ ވައުދު އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ މިގެ ކުރީ އަހަރުތަކާ އަޅައި ބަލާއިރު 60 ޕަސެންޓު އިތުރު އަދަދެއް އަންނަ އަހަރު ސިއްހަތަށް ރަނގަޅު ނޫން ކާނާގެ ބާވަތްތަކާ މެދު ހޭލުންތެރި ކުރުމަށް ހޭދަކުރުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.

ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް އަހަރުތެރޭ ސިއްހަތަށް ރަނގަޅު ނޫން ބާވަތްތަކުން ހޭލުންތެރި ކުރުމަށް ތިރީހަކަށް ހަރަކާތް ހިންގުން ކަމަށް ވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން މި މަސައްކަތްތަކުގައި މުޖުތަމައުގައި ތިބި ޒިންމާދާރު ފަރާތްތަކާއި ކަމާބެހޭ އެކި މުއައްސަސާތަކާއި އިދާރާތަކާއި މީހުން ބަލައިގަންނަ ބޭބޭފުޅުންގެ އިތުރުން ބަސް ގަބޫލުކުރާނެ ފަދަ ބޭފުޅުން ޝާމިލް ކޮށްގެން ހޭލުންތެރި ކުރުވުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. ހަމަ އެއާއެކު ދުޅަހެޔޮ ގައުމެއް ބިނާކުރުމަށް އެންމެ މުހިއްމީ ހޭލުންތެރިކަން ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ސަރުކާރުގެ ސިޔާސަތަކީ ހޭލުންތެރިކުރުމުގައި އަދި މިފަދަ ސިޔާސަތުތައް ތަންފީޒު ކުރުމުގައި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވަނީ ގައިންގަޔަށް ނާރާ ބަލިތައް ރާއްޖޭގައި އިތުރުވާ އެކި ސަބަބުތަކަށް ބަލައިލުމުގެ އިތުރުން މިކަމުން ރައްކައުތެރިވުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވައިފައެވެ.