ޚަބަރު

19 ވަނަ މަޖިލީހުގެ މެމްބަރުން ވޯޓެއް ނުވިއްކާނެ : ނަޝީދު

އަހުމަދު ޖައިޝަން

ކުރިއަށް އިންތިހާބުކުރާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ވޯޓު ވިއްކާނެ ބައެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި މާފަންނު މެދު ދާއިރާއަށް ވާދަކުރައްވާ، އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރުގެ ކެމްޕޭން އިފްތިތާހު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ އެންމެނަށް ރައްޔިތުންގެ ވިސްނުން ސާފުވާނެ ކަމަށެވެ.

"19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވޯޓަށް އަހާ މައްސަލަތަކުގައި، މެންބަރުން ބަރޯސާ ވާނީ ހަމަ އެންމެ ކަމަކަށް. އެއީ ރައްޔިތުންގެ އިހްސާސްތަކަށް، ރައްޔިތުންގެ ވިންދަށް، ރައްޔިތުންގެ ބޭނުމަށް، ރައްޔިތުންގެ އާދޭހަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބަށް ފަހު އުފެދޭނީ ނަޒާހާތްތެރި އަދި ނަމޫނާ މަޖިލީހެއް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ތަރައްގީގެ އެންމެ ބޮޑު އެއް ވަސީލަތް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ވައުދުތައް ފުއްދައިދިނުމުގައި ގާނޫނީ ބާރު ބޭނުންކުރާނީ މަޖިލީހުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.