ހައްޖު ކޯޕަރޭޝަން

ހައްޖު ކޯޕަރޭޝަނުގެ އެމްޑީ ކަމަށް އިސްމާއީލް ހަމީދު ވެމްކޯއަށް އާދަމް މުހައްމަދު

ހައްޖު ކޯޕަރޭޝަން އަދި ވެމްކޯ އަށް މެނޭޖިންގް ޑައިރެކްޓަރުން އައްޔަން ކުރައްވައިފި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހައްޖު ކޯޕަރޭޝަނަށް އައްޔަން ކުރައްވައިފައި ވަނީ އިސްމާއީލް ހަމީދު އެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ކަމަށް އައްޔަން ކުރައްވައިފައި ވަނީ އާދަމް މުހައްމަދު އެވެ.

ހައްޖު ކޯޕަރޭޝަނުގެ އެމްޑީ ކަމަށް އައްޔަން ކުރެއްވި އިސްމާއީލް ހަމީދު ވަނީ ދައުލަތުގެ މުއައްސަސާތަކާއި ޕްރައިވެޓް ސެކްޓަރުގައި މަސައްކަތް ކުރައްވައިފައެވެ.

ހައްޖު ކޯޕަރޭޝަންގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރީން ހަމީދު ހުއްނެވީ އައިޑީބީ ޕްރޮޖެކްޓެއްގެ ފައިނޭންޝަލް އޮފިސަރެއްގެ މަގާމުގައެވެ.

އޭނާ ވަނީ 2006 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގައި އެގްޒެކިއުޓިވް އޮފިސަރުގެ މަގާމުގައި މަސައްކަތް ކުރައްވައިފައެވެ. އަދި އޭނާ ވަނީ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ އިންޓާނަލް އޮޑިޓަރުގެ މަގާމުގައިވެސް މަސައްކަތް ކުރައްވައިފައެވެ.

އެއަށްފަހު 2012 އިން 2013 އަށް ހަމީދު މަސައްކަތް ކުރައްވާފައިވަނީ އެމްޓީސީސީގައި އިންޓާނަލް އޮޑިޓަރެއްގެ ގޮތުގައެވެ.