މިނިސްޓަރު އަހުމަދު މަޙުލޫފް

ސްޕޯޓްސް ކޯޕަރޭޝަން މައްސަލައިގައި ރައީސްގެ ލަފާފުޅަކަށް އެދި ހުށަހަޅައިފިން: މަހްލޫފް

އިބްރާހިމް ޒަކީ

މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަން އަކީ އުވައިލަން ޖެހޭ ތަނެއްކަމަށް އެކި ފަރާތްތަކުން ދިން ލަފަޔާ ގުޅިގެން އެކަމުގައި، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ލަފާފުޅަކަށް އެދިވަޑައިގެންފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މަހްލޫފު ވިދާޅުވީ، ސްޕޯޓްސް ކޯޕަރޭޝަން އަށް ގާނޫނުން ދޭންޖެހޭ ބިންތައް ދޫކޮށްގެން ކުރަންޖެހޭ އެއްްވެސް ކަމެއް ވޭތުވެދިޔަ ހަތަރު ސްޕޯޓްސް މިނިސްޓަރުންވެސް ކޮށްފައި ނުވާ ކަމަށެވެ.

ސްޕޯޓްސް ކޯޕަރޭޝަން މަސައްކަތްތައް ކުރިއަށް ނުގެންދެވި ވަނިކޮށް، އެ ކޯޕަރޭޝަން އުވާލަން ޖެހޭކަމަށް ސްޕޯޓްސް ކައުންސިލުން ބުނަމުން އަންނަ ކަމަށްވެސް މަހުލޫފު ވިދާޅުވިއެވެ.

އޭގެ އިތުރުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވެސް އެ ކޯޕަރޭޝަން އުވާލުމަށް ލަފާ ދެއްވާފައިވާ ކަމަށް މަހްލޫފު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ސްޕޯޓްސް ކޯޕަރޭޝަން އުވާލުމާ ބެހޭގޮތުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ލަފާފުޅަކަށް އެދި ހުށަހަޅުއްވާފައިވާ ކަމަށް މިނިސްޓަރު މަހުލޫފު ވިދާޅުވިއެވެ.

މަހުލޫފު ވިދާޅުވީ ސްޕޯޓްސް ކޯޕަރޭޝަން އާއި މިނިސްޓްރީއާ ގުޅުން ގޯސްކަމަށް ބައެއް ފަރާތްތަކަށް ހީވިއަސް އެއީ ތެދު ނޫން ކަމަށްވެސް.

އެ ކޯޕަރޭޝަނާއެކު ރަނގަޅު ގުޅުމެއް އޮންނަ ކަމަށްވެސް މަހުލޫފު ވިދާޅުވިއެވެ.