ރައީސް އޮފީސް

މިނިސްޓަރުންގެ ނައިބުގެ މަގާމަށް އަށް ބޭފުޅަކު އައްޔަން ކުރައްވައިފި

2

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، މިނިސްޓަރުންގެ ނައިބުގެ މަގާމަށް އަށް ބޭފުޅުން އައްޔަން ކުރައްވައިފިއެވެ.

މިނިސްޓަރ އޮފް ޓޫރިޒަމްގެ ނައިބުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ އދ. މާމިގިލީ ކީރަންމާގެ، އަސްއާދު ރިޟާއެވެ. އަސްއަދު ރިޟާއަކީ މީގެ ކުރީގައި ގިނަ އަހަރުތަކެއްވަންދެން ފަތުރުވެރިކަމުގެ ދާއިރާގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އަސްއަދު ރިޟާއަކީ ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް އިން މާސްޓާސް ފެންވަރަށް ތައުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ .

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ނައިބުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި ލ. ގަން، މަތިމަރަދޫ، ފަޒާ، ފާތިމަތު ޝަހީދާއަކީ ބެޗެލަރ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ތައުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ނައިބުގެ މަގާމަށް އައްޔަން ކުރެއްވި ބ. ތުޅާދޫ، ނީސް، އަބްދުﷲ އަނީސަކީ ވިޔަފާރީގެ ދާއިރާއިން ތަފާތު އެކި ކުންފުނިތަކާއެކު މަސައްކަތް ކުރައްވާފައިވާ މިހާރުވެސް އެކައުންޓިންގްގެ ދާއިރާއިން ތައުލީމު ހާސިލުކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

މިނިސްޓަރ އޮފް އެންވަޔަރަންމަންޓުގެ ނައިބުގެ މަގާމަށް އައްޔަންކުރެއްވި ގަލޮޅު ހަނިމާދޫއާގެ، އަހްމަދު ޒިޔާން އަބްދުއްރަހުމާނަކީ ނެޝަނަލް ޑިޕްލޮމާ އިން ހޮޓެލް ކޭޓަރިންގް އެންޑް އިންސްޓިޓިއުޝަނަލް އޮފަރޭޝަންސް ދާއިރާއިން ތައުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ ނައިބުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ނ. ޅޮހި، އޯކިޑުމާގެ، އަހްމަދު އިބްރާހީމެވެ. އަހްމަދު އިބްރާހީމަކީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ އެގްޒެކެޓިވް ކޯޑިނޭޓަރުކަން ކުރައްވައިފައިވާ ނޭޝަނަލް ސްޕޯޓްސް ކައުންސިލްގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ނައިބުގެ މަގާމަށް އައްޔަން ކުރައްވާފައިވާ ވ. ކެއްކުރި، ވަލީދާ ވަލީދަކީ ދިވެހި މުނިފޫހިފިލުވުމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރެއްވި ބޭފުޅެކެވެ.

މިނިސްޓަރ އޮފް ހެލްތުގެ ނައިބުގެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ގއ. ދާންދޫ، ހަނދުވަރީވާދީ، ނިޝާމާ މުހައްމަދެވެ. ނިޝާމާ މުހައްމަދަކީ ރާއްޖޭގެ ސިއްހީ ދާއިރާގައި ހިދުމަތްކުރެއްވި ބޭފުޅެކެވެ.

މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓުގެ ނައިބުގެ މަގާމަށް އައްޔަން ކުރެއްވި އއ. ތޮއްޑޫ، ފިނިވާގެ، އަލީ ސާމިންއަކީ ބެޗެލަރ އޮފް އާރޓްސްގެ ދާއިރާއިން ތައުލީމު ހާސިލުކުރައްވާފައިވާ ނޫސްވެރިކަމުގެ ދާއިރާއިން ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟