ސިޔާސީ ޕާޓީތަކުގެ ދަރަންޏަށް އެ ޕާޓީއެއްގެ މާލީ އެންމެ އިސްވެރިޔާ ޒިންމާ ކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަދި ތަރުޖަމާނު އަހްމަދު އަކްރަމް ވިދާޅުވެއްޖެއެވެ.
އެގޮތަށް ގާނޫނަށް އިސްލާހު ގެންނަން ޖެހޭ ކަމަށް އަކްރަމް ވިދާޅުވެފައިވަނީ އޭނާ ކުރެއްވި ޓުވީޓެއްގައެވެ.
އަކްރަމް ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެގޮތަށް ބަދަލު ނުގެނެސްފި ނަމަ ޕާޓީތައް ދަރަނިވެރިވެ ނެތި ހިނގައިދާނެ ކަމަށެވެ.
"ސިޔާސީ ޕާޓީތަކުގެ ދަރަންޏަށް އެ ދަރަނި ނެގި އިރު އެ ޕާޓީގެ މާލީ އެންމެ އިސްވެރިޔާ ޒިންމާ ކުރެވޭ ގޮތަށް އިސްލާހު ގެންނަންޖެހޭ. އެހެން ނޫނީ ޕާޓީތައް ދަރަނިވެރިވެ ނެތި ހިނގައިދާނެ،" އަކްރަމް ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
އަކްރަމް އެހެން ވިދާޅުވެފައިވާ އިރު، ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ޕީޕީއެމްގެ މެންބަރުން މޯލްޑިވިއަންގެ ބޯޓުތަކުގައި ދަތުރުކުރުމަށް ފަހު، ނުދައްކައި އޮތް 3.8 މިލިއަން ރުފިޔާ ހޯދަން އެ ކުންފުނިން ކޯޓުގައި ވަނީ ދައުވާކޮށްފައެވެ. އެކަމާ ގުޅޭގޮތުން ޕީޕީއެމްއިން ބުނެފައިވަނީ ދައްކަން ޖެހޭ ފައިސާތަކުން ބައެއް ފައިސާ ދައްކާފައިވާ ކަމަށާއި ނަމަވެސް އަދި މިހާތަނަށް 3.8 މިލިއަން ރުފިޔާ އަދި ނުދައްކައި އޮތް ކަމަށެވެ.