ޝަހީދާ އަބްދުﷲ ސައީދު
ރާއްޖޭގެ ސިޔާސީ ހުރިހާ ލީޑަރުންވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ކިބައިން މިސާލު ނަންގަވަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.
''ވަންއޮންލައިން'' އަށް ރިޔާޒު ރަޝީދު މިއަދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ގާސިމް އިބްރާހީމްއަކީ ސިޔާސީ ގޮތުން އެއްވެސް ފަރާތަކަށް ހަސަދަވެރިކަން ބާއްވާ ބޭފުޅެއް ނޫން ކަމަށާއި ސިޔާސީ ހަޔާތުން އިބުރަތް ހާސިލުކުރައްވައިގެން ހުންނެވި ކެތްތެރި ބޭފުޅެއް ކަމަށެވެ.
ގާސިމްގެ އަރިހުގައި ވަރަށް ގާތުން މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެން ދިޔައީ މިއަދު ނޫންކަން ފާހަގަކުރައްވަމުން ރިޔާޒު ވިދާޅުވީ ގާސިމްއާއެކު ގާތް ރަހުމަތްތެރިކަން އުފެދިގެން ދިޔައީ ވިޔަފާރީގެ ތެރެއިން ކަމަށެވެ. ރިޔާޒު ވިދާޅުވި ގޮތުގައި އެއީ ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދުމުގެ ކުރިއެވެ.
ގާސިމްގެ ސިޔާސަތުތަކަށް އަބަދުވެސް ތާއީދުކުރައްވާކަން ހާމަކުރައްވައި ރިޔާޒު ވިދާޅުވީ ޖޭޕީގައި ތިއްބެވި މެންބަރުން ގާސިމް ދޫކުރައްވައި ވަޑައިގަތުމަށްފަހު އެނބުރި ވަޑައިގަތުމުން އެބޭފުޅުންނާ މެދު ވެސް ގާސިމް އަމަލު ކުރެއްވީ ވަރަށް ރަނގަޅަށް ކަމަށެވެ.
''ގާސިމްގެ ހިތުގައި އެއްވެސް ބޭފުޅަކާ މެދު ނުގެންގުޅުއްވާނެ ހަސަދަވެރިކަމެއް. ސިޔާސީ ގޮތުން ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ކެތްތެރި ބޭފުޅެއް ގާސިމަކީ. ގާސިމް ދޫކުރައްވައި ވަޑައިގެން މެންބަރުން އަލުން އަނބުރާ ޖޭޕީއަށް ވަޑައިގަތުމުން ވެސް އެއްވެސް ތަފާތު ކަމެއް ނުދައްކަވާ. އެހެންވީމަ ސިޔާސީ ހުރިހާ ލީޑަރުންވެސް މިއަދު ގާސިމްގެ ކިބައިން މިސާލު ނަންގަވަންޖެހޭ.'' ރިޔާޒު ވިދާޅުވިއެވެ.
މީގެއިތުރުން ރިޔާޒު ވިދާޅުވީ ކޮންމެ ޕާޓީއެއްގައި ހުންނެވި ނަމަވެސް އަބަދުވެސް ގާސިމްގެ ދިފާޢުގައި ދައްކަވަންޖެހޭ ވާހަކަތައް ދައްކަވާނެ ކަމަށާއި މިހާތަނަށް ވެސް ދައްކަވާފައިވާނެ ކަމަށެވެ.
އަދި ސިޔާސީ ގޮތުން ގާސިމްއަކީ ވަރަށް އިތުބާރުކުރައްވައި ބޭފުޅެއް ކަމަށާއި ގާސިމްއަކީ ގައުމީ ވިސްނުމެއްގައި މަސައްކަތްކުރައްވާ ބޭފުޅެއް ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.