ޚަބަރު

ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް ގިނަވާ ކަމަށް އެޗްޕީއޭ އިން ހާމަކޮށްފި

މަރިޔަމް ޝަހުދާ

ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް ގިނަވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.

އެޗްޕީއޭ އިން ނެރެފައިވާ ނޫސްބަޔާނެއްގައިވާ ގޮތުގައި ފާއިތުވި ދެހަފްތާ ތެރޭ ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް ރިޕޯޓް ކުރެވިފައިވާ ވަރު ވަނީ 2017 ވަނަ އަހަރަށް ވުރެ އިތުރުވެފައެވެ. ބޭރަށް ހިންގުމާއި ހޮޑުލުމުގެ އިތުރުން، ވައިރަލް ހުން، އަރުދަފުސް ރޯގާ އަދި ޑެންގޫ ހުން ޖެހިގެން ފާއިތުވި ދެ ހައްތާ ތެރޭ ރިޕޯޓުކޮށްފައިވާ އަދަދު ފާއިތުވި އަހަރު ގިނަކަމަށް މި ބަޔާނުގައި ވެއެވެ.

ފާއިތުވި ދެ ހަފްތާތެރޭ 3261 މީހުން ބޭރަށް ހިންގުމާއި ހޮޑު ލެވުން ޖެހުމުގެ ސަބަބުން ރިޕޯޓުކޮށްފައިވާ އިރު، އެންމެ ގިނަ އަދަދަކަށް ބޭރަށް ހިންގުމާއި ހޮޑު ލެވުން ޖެހިގެން ރިޕޯޓުކޮށްފައިވަނީ މާލެ، ހުޅުމާލެ، ހދ، ބ އަދި ލާމު އަތޮޅުންކަން އެޗްޕީއޭގެ މި ބަޔާނުގައި ވެއެވެ. ހަމަ އެއާއެކު ޑެންގޫ ހުން ޖެހިގެން ފާއިތުވި ދެ ހަފްތާ ތެރޭ 230 މީހުން ރިޕޯޓުކޮށްފައިވާއިރު އެންމެ ގިނަ އަދަދަކަށް ޑެންގޫ ހުން ޖެހިގެން ރިޕޯޓުކޮށްފައިވަނީ މާލެ، ހުޅުމާލޭގެ އިތުރުން ރ، ހއ އަދި ބ އަތޮޅުގައި ކަމަށް އެޗްޕީއޭގެ ބަޔާނުގައި ވެއެވެ. މީގެ އިތުރުން ފާއިތުވި ދެ ހަފްތާ ތެރޭ 3418 މީހުން ވައިރަލް ހުން ޖެހިގެން ރިޕޯޓުކޮށްފައިވާ އިރު، އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވަނީ 4367 މީހުންނެވެ.

އެޗްޕީއޭގެ ބަޔާނުގައި ވަނީ ނުވެމްބަރ މަހުގެ ފަހުން ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް ގިނަވެފައިވާކަން ފާހަގަކުރެވިފައިވާތީ ރޯގާއިން ރައްކައުތެރިވުމުގެ ގޮތުން އަމަލު ކުރަންވީ ގޮތްތައް ފާހަގަކޮށްފައެވެ. މީގެ އިތުރުން ރޯގާގެ ގޮތުގައި ފެތުރޭ ބައްޔެއް ޖެހިފައިވާ މީހެއްނަމަ ބަލި ފެތުރަ ނުދިނުމަށް ސަމާލުވުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.