މާލޭގައި ކާރުތަކާއި ހަތަރު ފުރޮޅުލީ ވެހިކަލްތައް ޕާކު ކުރާން ދޭ ގަރާޖު ހުއްދަ އާއި ގުޅޭ ގޮތުން ޓްރާންސްޕޯޓު މިނިސްޓްރީން ދާދި ފަހުން އެކުލަވައިލި ގަވައިދާ ގުޅޭ ގޮތުން ވެސް ކަމާ ގުޅުން ހުރި ދާއިރާ ތަކާ މެދު މަޝްވަރާކުރާން ނިންމައިފި އެވެ.
މީގެ ދެ ދުވަހެއް ކުރީން ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ސޮއިކުރައްވައި ޓްރާންސްޕޯޓު އޮތޯރިޓީއަށް ފޮނުއްވި އެ ގަވައިދު ވަނީ މީޑިއާއަށް ލިބިފަ އެވެ. އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރާން ނިންމައި އެކުލަވައިލައްވާފައިވާ އެ ގަވައިދުގައި ވަނީ ގަރާޖު ތަކުގެ މައްސަލަ ހައްލުކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅުއްވައިފަ އެވެ. އެ ގަވައިދު އަދި ވަނީ ގެޒެޓު ނުކޮށެވެ.
ޓްރާންސްޕޯޓު މިނިސްޓްރީގެ އޮފިޝަލަކު މިއަދު "ވަން އޮންލައިން" އަށް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބޭނުންފުޅު ވަނީ އެ ގަވައިދަށް އަމަލުކުރުން އިހަށް މަޑުޖައްސާލައި ގުޅުން ހުރި ފަރާތްތަކުގެ ލަފަޔާއި މަޝްވަރާ އެ ގަވައިދަށް ވެސް ހޯއްދަވަން ކަމަށެވެ.
"އެހެން ވީމާ ޓެކްސީ އަގުތައް އަލުން މުރާޖައާ ކުރާން ބާއްވާ ފޯރަމުގައި ގަރާޖު މައްސަލައިގައި ވެސް މަޝްވަރާ ކުރާނެ." މިނިސްޓްރީގެ އޮފިޝަލު ވިދާޅުވި އެވެ.
ގަރާޖުތަކާ ގުޅޭ އާ ގަވައިދުގައި ވަނީ މަގުމަތީގައި ޕާކުކުރާ ވެހިކަލު ތަކުގެ ރެޖިސްޓްރީ ބާތިލުކުރާ ގޮތަށް ނިންމައިފަ އެވެ.