ޓެކްސީ ތަކުން ދަތުރުތަކަށް އަގު ނެގުމަށް މިހާރު ކަނޑައަޅާފައިވާ އަގުތައް އަލުން ރިވިއު ކުރަން ނިންމައި، ޑްރައިވަރުންނާ މެދު މި ވަގުތު އެއްވެސް ފިޔަވަޅެއް ނާޅަން ޓްރާންސްޕޯޓު މިނިސްޓްރީން ނިންމައިފި އެވެ.
ޓެކްސީ ދުއްވާ 40 ވަރަކަށް ޑްރައިވަރުންނާ އެކު މިނިސްޓަރު އާއިޝަތު ނަހުލާ މިއަދު ބޭއްވެވި ބައްދަލުވުމުގައި ނިންމެވީ އަގުތައް އަލުން ރިވިއުކުރުމަށް ވަރަށް އަވަހަށް ފޯރަމެއް ބޭއްވުމަށެވެ.
އެ ބައްދަލުވުމުގައި ޓެކްސީ ޑްރައިވަރުން ވަނީ އެ މީހުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ. އެ މީހުން ފާހަގަކުރި ގޮތުގައި ޓެކްސީ ތަކުން ނަގަން ޖެހޭ އަގުގެ ގޮތުގައި މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އިއުލާނުކޮށް މިހާރު އަމަލުކުރަމުން އަންނަ އަގު ތަކަކީ ރައީސް ޔާމީންގެ ސަރުކާރުން އެއްވެސް ވަރަކަށް ކަމާ ގުޅުން ހުރި ފަރާތްތަކާ މަޝްވަރާކޮށްގެން ހެދި އަގު ތަކެއް ނޫނެވެ. އެގޮތުން އެއީ ހަމަ އެކަނި އޭރުގެ އިިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ފެނިވަޑައިގަންނަވާ ގޮތެއްގެ މަތީން ނިންމެވި ރޭޓު ތަކެއް ކަމަށް ބައެއް މީހުން ވަނީ ބުނެފަ އެވެ.
ގިނަ ޑްރައިވަރުން ބުނީ މާލެ ތެރޭގެ ދަތުރު ތަކަށް ނަގާ އަގަށް ބަލާ އިރު އޭގެ އެތައް ގުނައެއް ދުރު އަދި ވަގުތު ދާ ދަތުރަކަށް ބަލާ އިރު ހުޅުމާލެއަށް ކަނޑައަޅާފައި ހުރި އަގު ތަކަކީ އެކަށީގެންވާ އަގުތަކެއް ނޫނެވެ.
ޓްރާންސްޕޯޓު މިނިސްޓްރީގެ އޮފިޝަލަކު "ވަން އޮންލައިން" އަށް ވިދާޅުވީ މި މައްސަލަ ހައްލުކުރުމަށް ދެން އަގުތައް ހަދާނީ އެކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން ކަމަށެވެ.
ޓެކްސީ ޑްރައިވަރުން ވަނީ މިއަދުން ފެށިގެން ހުޅުމާލެއަށް ކުރާ ދަތުރުތައް ވެސް ހުއްޓައިލައިފަ އެވެ. އެ މީހުން ދަތުރުތައް ހުއްޓައިލީ ބޮޑު އަގު ނަގާ މައްސަލ ބަލަން މަގުތަކަށް ފުލުހުން ނުކުތުމާ ގުޅިގެންނެވެ.