ބަންކަރިންގ އެންޑް ފިއުލް ސަޕްލަޔަރ އޮފް ދަ އިޔަރ އެވޯޑު ދަ ހޯވްކްސްއަށް ލިބިއްޖެ އެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި "މޯލްޑިވްސް ބޯޓިންގ އެވޯޑްސް 2018"ގެ ގާލާގައި ބަންކަރިންގ އެންޑް ފިއުލް ސަޕްލަޔަރ އޮފް ދަ އިޔަރ އެވޯޑު ދަ ހޯވްކްސްއަށް އަރުވާފައިވަނީ މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝެއިހް އިމްރާން އަބްދުﷲ އެވެ.
ދަ ހޯވްކްސް ޕްރައިވެޓް ލިމިޓެޑް އަކީ ރާއްޖޭފައި ފުޅާދާއިރާއެއްގައި ތެލުގެ ވިޔަފާރިކުރާތާ ދިހަ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކުންފުންޏެކެވެ. ރާއްޖެއަށް ކޮލިޓީ ތެޔޮ އެތެރެކުރުމުގެ އިތުރުން ތެޔޮ ޑިސްޓްރިބިއުޓް ކުރުމުގައިވެސް ދަ ހޯވްކްސް އަކީ ފާހަގަ ކޮށްލެވޭ ކުންފުންޏެކެވެ.
މިއީ ދަ ހޯވްކްސް ޕްރަިވެޓް ލިމިޓެޑް އިން ބަންކަރިންގ އެންޑް ފިއުލް ސަޕްލަޔަރ އޮފް ދަ އިޔަރ އެވޯޑު ކާމިޔާބު ކުރި ދެވަނަ އަހަރެވެ.
ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) ގެ ފަރާތުން 2014 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ މޯލްޑިވްސް ބޯޓިންގ އެވޯޑްސްގެ މިއަހަރު 27 ކެޓަގަރީއަކަށް އެވޯޑު ދީފައިވެއެވެ.
މި ރަސްމިއްޔާތުގައި ވަނީ ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނަން ބަދަލުކޮށް ގައުމީ ޖަމިއްޔާއެއްގެ ގޮތުގައި މަސައްކަތް ފަށައިފައެވެ. އެގޮތުން ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނަން "ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް" އަށް ވަނީ ބަދަލުކޮށްފައެވެ.
"ވަން އޮންލައިން" އަކީ މޯލްޑިވްސް ބޯޓިންގ އެވޯޑްސް 2018ގެ އޮންލައިން މީޑިއާ ޕާޓްނަރެވެ.