ރަސްމީ ދަތުރުފުޅެއްގައި ޖަޕާނަށް ވަޑައިގެންނެވި މިނިސްޓަރ އޮފް އޮރިން އެފެއާޒް އަބްދުﷲ ޝާހިދު ދަތުރު ނިންމަވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ސޯލިހުގެ އަރިހުގައި އިންޑިއާއަށް ވަޑައިގަތުމަށްފަހު މިނިސްޓަރ ޝާހިދު ވަނީ ރާއްޖެ ވަޑައިނުގެން، ޖަޕާނަށް ފުރާވަޑައިގެންފައެވެ. މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު ވަނީ ޖަޕާނުގެ މިނިސްޓަރ އޮފް ފިނޭންސް މރ. ތާރޯ އާސޯ، ޖަޕާނުގެ ފޮރިން މިނިސްޓރ މރ. ތާރޯ ކޯނޯ، ޖަޕާނުގެ މިނިސްޓަރ އޮފް އެންވަޔަރަމަންޓް މރ. ޔޮޝިއާކީ ހަރާޑާއާއި މިނިސްޓަރ އޮފް އިކޮނޮމީ، ޓްރޭޑް އެންޑް އިންޑަސްޓްރީ، މރ. ހިރޮޝިގޭ ސޭކޯ، ޖަޕާން ބޭންކް ފޯ އިންޓަރނޭޝަނަލް ކޯޕަރޭޝަން (ޖޭބިކް)ގެ ގަވަރުނަރާ، ޖަޕާން އެކްސްޓަރނަލް ޓްރޭޑް އޯގަނައިޒޭޝަންގެ ރައީސް އަދި ޖަޕާނުގެ ވިޔަފާރީގެ ދާއިރާގެ އިސް ފަރާތްތަކާ ބައްދަލުކުރައްވައިފައެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ ވަނީ ރާއްޖެއާއި ޖަޕާނާ ދެމެދު އޮންނަ އެކުވެރިކަމުގެ ގުޅުން ބަދަހިކޮށް އިތުރަށް ވަރުގަދަ ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާމެދު މަޝްވަރާކޮށްފައެވެ. މީގެ އިތުރުން ރާއްޖެއާއި ޖަޕާނުގެ ގުޅުން ބިނާވެފައިވާ ދާއިރާތައް މުސްތަގުބަލުގައި ކުރިއެރުވޭގެ ގޮތަކާމެދު ވެސް މި ދަތުރުފުޅުގައި ޖަޕާނާއި މިނިސްޓަރ ޝާހިދު ވަނީ މަޝްވަރާކުރައްވައިފައެވެ.
މިނިސްޓަރ ޝާހިދުއާއެކު މި ދަތުރުފުޅުގައި މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރާއި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއީލް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ދަތުރުފުޅު ނިންމަވާލުމަށްފަހު ރާއްޖެއަށް ވަޑައިގެންނެވުމުގެ ކުރިން މި ދަތުރުގައި ރާއްޖޭގެ ފަރާތުން ބައިވެރިވި ފަރާތްތަކުން ވަނީ ޖަޕާން ނޭޝަނަލް ޕްރެސް ކްލަބުގައި އޮތް ޕްރެސް ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގެންފައެވެ.