ޚަބަރު

ބޮޑު ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރެވޭނެ މާހައުލެއް ނެތް ކަމަށް ބުނެ ޕީޖީގެ ވަކީލުން ރައީސްގެ އަރިހަށް

އަލީ ޔާމިން

1

ރާއްޖޭގެ ތާރީހުގައި މިހާތަށް ހިންގާފައި އެންމެ ބޮޑު ހިޔާނާތް، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ މައްސަލަ ބެލޭނެ ފަދަ މާހައުލެއް މިވަގުތު ރާއްޖޭގައި ނެތް ކަމަށް ބުނެ އެފަދަ މާހައުލެއް ގާއިމުކޮށްދިނުމަށް ދައުލަތުގެ ޕްރޮސެކިއުޓަރުންތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި އެދިއްޖެ އެވެ.

ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަން އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ދައުލަތުގެ ޕްރޮސެކިއުޓަރުންގެ ޓީމަކުން ތަހުގީގުކުރަމުން އަންނަ މި މައްސަލައިގައި މިހާރުގެ ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރުގެ މަތީ ފަޑީގައި ތިއްބަވާ ބޭފުޅުން ހިމެނޭ ކަމަށް މައްސަލަ ބަލާ އިދާރާތަކުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް، އެ މައްސަލަ ބަލާ ޓީމުގައި ހިމެނޭ ޕްރޮސެކިއުޓަރުންތަކެއް ރައީސް ސޯލިހަށް މިއަދު ފޮނުވި ސިޓީގައި ބުނެފައިވަނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ތަހުގީގު 2015 އިން ފެށިގެން ކުރިއަށް ގެންދާއިރު، ދައުވާ ކުރުމާއި ޝަރީއަތުގެ މަރުހަލާތަކާމެދު އާންމުންގެ ގިނަ ބައެއްގެ ސުވާލުތައް އުފެދިފައިވާ ކަމަށެވެ.

އެގޮތުން ޕީޖީ އޮފީހުން އޮގަސްޓް 7، 2019ގައި ހާއްސަ ޓީމެއް އެކުލަވާލައިގެން ތަހުގީގުގެ މަސައްކަތް ފަށައިފައިވީ ނަމަވެސް އެކަން ހުއްޓުވުމަށާއި ޝަރީއަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ބައެއް ފަރާތްތަކުން ހުރަސް އަޅަމުންގެންދާ ކަމަށް ބުނެފައިވެ އެވެ. އަދި އެ މައްސަލަތައް ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވައި، އެ މަސައްކަތް ކުރަމުން އަންނައިރު، އަދިވެސް މައްސަލަ ބަލަން އެކަށީގެންވާ ވަސީލަތްތަކާއި މާހައުލު ގާއިމްކުރެވިފައި ނެތް ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ.

އެގޮތުން އެފަދަ މާހައުލެއް ގާއިމްކޮށް، މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަން ޕްރޮސެކިއުޓަރުންގެ ފަރާތުން ވަނީ ފާހަގަކުރައްވައިފަ އެވެ.

1. މިފަދަ މައްސަލަތައް ތަހުގީގުކުރުމުގެ ތަޖުރިބާ ހުރި ފޮރެންސިކް އެކައުންޓެންޓުންނާއި ޑިޖިޓަލް އެވިޑަންސް އެނަލިސްޓުން ހޯދުން 2. މި މައްސަލަ ތަހުގީގުކުރުމަށް އިތުރު އިންވެސްޓިގޭޓަރުން ބައިވެރި ކުރެވޭނެ އިންތިޒާމު ހަމަޖެއްސުން 3. މިފަދަ މައްސަލަތައް ތަހުގީގުކޮށް، އެސެޓް ރިކަވާ ކުރުމުގެ ތަޖުރިބާ ހުރި ބޭރުގެ އިންވެސްޓިގޭޓަރަކު ތަހުގީގަށް ހޯދުން 4. ގިނަ އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރަށް ގޮސްފައިވާ ކަމަށް ބެލެވޭއިރު، މިކަން އެކަށީގެންވާ ގޮތެއްގައި ތަހުގީގުކުރުމަށްޓަކައި ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ބަދަލުކުރުމުގެ އެއްބަސްވުންތައް، ފައިސާ ގޮސްފައިވާ ކަމަށް ބެލެވޭ ގައުމުތަކާއެކު ގާއިމުކުރުން 5. ގާނޫނުތަކުގެ ހަގީގީ މަގްސަދު ހާސިލުވާނެ ފަދަ ގޮތަކަށް މަސައްކަތް ބައްޓަން ކުރެވިފައެއް ނުވޭ. މިފަދަ ކަމެއް ތަކުރާރު ނުވާނެ ފަދަ ގޮތަކަށް މަސައްކަތް ބައްޓަން ކުރުމަށްޓަކައި ފައިނޭންޝަލް އިންޓެލިޖަންސް ޔުނިޓް އަދި ބޭންކިން ނިޒާމުގެ ރިޕޯޓިން މެކޭނިޒަމް ހަރުދަނާކުރުން 6. މަނީ ލޯންޑަރިންގެ މައްސަލަތަކާ ގުޅިގެން ދައުލަތަށް ނެގޭ މުދަލާމެދު އަމަލު ކުރާނެ ގޮތުގެ ގަވާއިދު ހަދައި، ގެޒެޓު ކުރުން 7. ނުޙައްގު މުއްސަނދިކަން ކުށަކަށް ހެދުން. 8. އެސެޓް ޑިކްލެރޭޝަންގެ ނިޒާމަކީ މިހާރު ހަމައެކަނި ނަމެއްގައި އޮތް ނިޒާމެއް. ސިޔާސީ މަގާމުތަކާއި މިނިވަން މުއައްސަސާތަކާއި ފަނޑިޔާރުން ހުށަހަޅާ މާލީ ބަޔާންތަކާ ގުޅިގެން ބަލަންޖެހޭ ބެލުންތައް ބަލައި ފިޔަވަޅު އެޅޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުން 9. ދައުލަތުގެ މަގާމުތަކާއި މިނިވަން މުއައްސަސާތަކަށް މީހުން އައްޔަންކުރާއިރު، ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ މައްސަލަތަކުގެ ތުހުމަތު ކުރެވޭ މީހުން އައްޔަން ނުކުރުން އަދި އެފަދަ މަގާމުތަކުގައި ތިއްބަވަނިކޮށް، އެކަށީގެންވާ ތުހުމަތު ކުރެވުމުން މަގާމުތަކުން ވަކިކުރުން. 10. މިފަދަ ބޮޑެތި ކުށްތައް ސާބިތުވާ މީހުންގެ ހުކުމް ތަންފީޒު ކުރެވޭނެކަން ކަށަވަރުކުރުން. އެ ޔަގީންކަން ރައްޔިތުންނަށް އޮންނާނެ ފަދަ ގޮތަކަށް ނިޒާމު ބައްޓަންކުރުން 11. އެންޓި ކޮރަޕްޝަންގެ ނިޒާމު ހަރުދަނާކޮށް، މިހާރަށްވުރެ އަވަހަށް މައްސަލަ ތަހުގީގު ކުރެވޭނެ ފަދަ ވަސީލަތްތައް އޭސީސީއަށް ފޯރުކޮށްދިނުމާއި އެ ކޮމިޝަނުގެ ގާނޫނަށާއި ކޮރަޕްޝަންގެ ކުށްތަކާ ގުޅިގެން ގާނޫނުލްއުގޫބާތަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސްކުރުމަށް ބާރުއަޅައި އިސްކަންދިނުން.

އެ ސިޓީގައި އެމްއެމްޕީއާރްސީގެ މައްސަލައިގައި އިންސާފު ހޯދުމަށް ކުރާ މަސައްކަތްތައް ވަކި ބައެއްގެ ނުފޫޒެއް ނެތި އަދި ވަކިބައެއްގެ ތައައްސަބެއް ނެތި ކުރިއަށް ދެވޭނެ މަގެއް ހޯއްދަވައި ދެއްވުމަށް ވެސް ރައީސްގެ އަރިހުން އެދިފައިވެ އެވެ.

އެމްއެމްޕީއާރްސީގެ މައްސަލަ ބަލަން ފެށީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުގަ އެވެ. އެ މައްސަލައިގައި އެންމެ ފުރަތަމަ ޖަލަށްލައި ހުކުމްކޮށްފައިވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރި ހުރިހާ ދައުވާއެއް، ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން އަދީބު ވަނީ މިނިވަންވެފަ އެވެ.

އެމްއެމްޕީއާރްސީގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ވެސް ވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އޭގެ އިތުރުން އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ވިޔަފާރިވެރިޔާ ހާމިދު އިސްމާއީލްގެ މައްޗަށް ވެސް ވަނީ އެ މައްސަލައިގައި ހުކުމް އިއްވައިފައެވެ. ހާމިދުގެ ހުކުމް ތަންފީޒުކޮށް ނިމިފައިވާއިރު ޒިޔަތުގެ ހުކުމް ތަންފީޒުކޮށް ނުނިމުނަސް އޭނާ މިވަގުތު ހުރީ ގޭ ބަންދުގަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟