ރައީސް ޔާމީންގެ ބޭންކު އެކައުންޓުތައް ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުތައް އެ މަނިކުފާނުގެ ވަކީލުން ހައިކޯޓުގެ އިސްތިއުނާފަށް ހުށަހަޅައިފި އެވެ.
މިކަން ހާމަކޮށްފައި ވަނީ ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ދާދި ދެންމެ ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ކުރީގެ އެޓާނީ ޖެނެރަލް އަދި ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ ލީގަލް މިނިސްޓަރުކަން ކުރެއްވި އާއިޝަތު އާޒިމާ ޝުކޫރު އެވެ.
ރާއްޖޭގައި ހުރި ރައީސް ޔާމީންގެ ހުރިހާ ބޭންކް އެކައުންޓެއް ހިފަހައްޓާފައި ވަނީ ކްރިމިނަލް ކޯޓުން ނެރެފައިވާ ތަފާތު ތިން އަމުރެއްގެ ދަށުންނެވެ. އެ ހުރިހާ އަމުރެއް ވެސް ކްރިމިނަލް ކޯޓުން ނެރެފައި ވަނީ ފުލުހުން އެދިގެންނެވެ.
ނޫސްވެރީންގެ ބައްދަލުވުމުގައި އާޒިމާ ވިދާޅުވީ ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުކުރި ދުވަހު ސުވާލު ކުރީ އެންމެ އެކައުންޓެއްގައި ހުރި ފައިސާގެ މައްސަލައިގައި ކަމަށާއި އެހެން ކަމުން އެމަނިކުފާނުގެ ދެން ހުރި ބޭންކް އެކައުންޓުތައް ހިފަހައްޓަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.
"އަޅުގަނޑުމެން ޔަގީންކަންދެން ރައީސް ޔާމީންގެ އެކައުންޓުގައި ހުރި ފައިސާއަކީ ގާނޫނީ ގޮތުން ސައްހަ ފައިސާކަން. މީހެއްގެ އެކައުންޓުގައި ފައިސާ ހުރުމަކީ މައްސަލައެއް ނޫން." އާޒިމާ ވިދާޅުވި އެވެ.
އާޒިމާ އިތުރަށް ވިދާޅުވީ ރައީސް ޔާމީނަކީ އެތައް އަހަރެއް ވާންދެން ދައުލަތުގެ އެކި މަގާމުތައް އަދާކުރެއްވުމުގެ އިތުރުން ވަޒީރުކަން ވެސް ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި އޭގެ އިތުރުން އަމިއްލަފުޅު ގެ ކުއްޔަށް ދެއްވައިގެން ވެސް އާމްދަނީ ލިބިވަޑައިގަންނަވާ ބޭފުޅެއްް ކަމަށެވެ.
އާޒިމާ ވިދާޅުވީ އެމްއެމްޕީއާރްސީގެ ފައިސާ އެތައް ބައެއްގެ އެކައުންޓުތަކަށް ވަދެފައިވާކަން އޭސީސީގެ ތަހުގީގުން އެނގޭ ކަމަށާއި އެހެން ކަމުން ހަމައެކަނި ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒް ކުރުމުން ސުވާލު އުފެދޭ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މީ ސިޔާސީ ކަމެއް. ސަރުކާރުން ރައީސް ޔާމީނަށް ގެއްލުން ދޭން ކުރާ ކަމެއް. ކޯޓު އަމުރުވެސް ނެރުވާފައި ވަނީ ސިޔާސީ ގޮތުން." އާޒިމާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް ކުރަމުން ދަނީ އެއްވެސް ހަގީގަތެއް ނެތް ތުހުމަތުތަކެއް ކަމަށެވެ.