ބޯޓިންގް ޕާސަނަލިޓީ އޮފް ދަ އިޔަރ އެވޯޑް އިސްމާއިލް ހަމީދަށް ލިބިއްޖެއެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި "މޯލްޑިވްސް ބޯޓިންގ އެވޯޑްސް 2018" ގާލާގައި އިސްމާއިލް ހަމީދަށް ބޯޓިންގް ޕާސަނަލިޓީ އޮފް ދަ އިޔަރ އެވޯޑް ދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ލޭމްގެ އެއް ފައުންޑިން މެމްބަރ އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ 2007 ވަނަ އަހަރުގެ ޖޫން 4ގައި ލޭމް އުފެދިފައިވަނީ ރާއްޖޭގެ ބޯޓިންގ އިންޑަސްޓްރީގެ 18 ފަރާތެއްގެ އިސްނެގުމުގެ މަތިން ކަމަށާއި އޭގެ ތެރޭގައި މިހާރުގެ ރައީސް އިބްރާހިމް ޝާހިދުގެ އިތުރުން އިސްމާއިލް ހަމީދުގެ މަސައްކަތް ފާހަގަ ކޮށްފައިވެއެވެ. މިނިސްޓަރ ވިދާޅުވީ މީގެ 11 އަހަރުކުރިން ބޯޓިންގ ޖަމިއްޔާއެއް އުފެއްދުމުގެ ހިޔާލާއެކު ފޯމުތަކެއް ހިފައިގެން އިސްމާއިލް ހަމީދު އައުމުން ޖަމިއްޔާ އުފެއްދުމުގައި ބައިވެރިވެފައިވާ ކަމަށެވެ.
ލޭމްގެ ފައުންޑަރުންގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ވިޔަފާރިއާއި ބޯޓިންގ އިންޑަސްޓްރީގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނެވެ.
ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) ގައުމީ ޖަމިއްޔާއަކަށް ބަދަލުކުރުމުގައި މިދިޔަ ހުރިހާ އަހަރުތަކެއްގައި މެނޭޖްމަންޓާއި އެގްޒެކެޓިވް ބޯޑުގެ މެމްބަރުން ބޮޑެތި މަސައްކަތްތަކެއް ކޮށްދެއްވިއެވެ. ހާއްސަ ގޮތެއްގައި މިމަސައްކަތުގައި އިސްމާއިލް ހަމީދު އަދި އިބްރާހިމް ޝާހިދުގެ މަސައްކަތް ފާހަގަ ކޮށްލެވެއެވެ. ސަރުކާރުން ވަނީ އެޖަމިއްޔާ ގައުމީ ޖަމިއްޔާއެއްގެ ގޮތުގައި ބަލައިގެނެ ޖަމިއްޔާގެ ނަން "ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް" އަށް ބަދަލުކޮށްފައެވެ.
ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) އުފެއްދުމަށްފަހު ޖަމިއްޔާގެ ފުރަތަމަ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވުމަށްފަހު އިސްމާއިލް ހަމީދު ވަނީ ފަހުން އެޖަމިއްޔާގެ ރައީސްކަންވެސް ކުރައްވައިފައެވެ. މިހާރު އިސްމާއިލް ހަމީދަކީ "ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް"ގެ ނައިބު ރައީސެވެ.
ރާއްޖޭގެ ބޯޓިންގ އިންޑަސްޓްރީ ކުރިއެރުމުގައި އިސްމާއިލް ހަމީދުގެ ހިއްސާ ވަރަށް ބޮޑެވެ. އިސްމާއިލް ހަމީދު ދަނީ މީގެ 14 އަހަރު ކުރިން ފެށިގެން ފްލޯޓިންގ ގެ ނަމުގައި މެގަޒިންއެއް ނެރެމުންނެވެ. އަދި މިހާރު ފްލޯޓިންގ މެގަޒިންގެ ނަން ބަދަލުކޮށް ފްލޯޓިންގ އޭޝިއާގެ ނަމުގައި ބައިނަލްއަގުވާމީ ފެންވަރުގައި އަހަރަކު ދެ އެޑިޝަން ނެރެން ފަށައިފައެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި "ލިވަބޯޑު އެސޯސިއޭޝަން އޮފަ މޯލްޑިވްސް"ގެ މޯލްޑިވްސް ބޯޓިންގ އެވޯޑްސް 2018 ގައި ރާއްޖޭގެ ބޯޓިންގ އިންޑަސްޓްރީގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަރާތްތަކުން އެވޯޑް ހާސިލް ކޮށްފައިވެއެވެ.
"ވަން އޮންލައިން" އަކީ މޯލްޑިވްސް ބޯޓިންގ އެވޯޑްސް 2018ގެ އޮންލައިން މީޑިއާ ޕާޓްނަރެވެ.