މިނިސްޓަރު އަހުމަދު މަޙުލޫފް

މަހްލޫފް ޑރ. އިޔާޒަށް: ނަސޭހަތަށް ޝުކުރިއްޔާ! "ހަފްތާ ރެސް" ކުރިއަށް ދާނީ ހައްދުން ނުނެއްޓި

މަރިޔަމް ޝަހުދާ

ޑރ.އިޔާޒް ދެއްވި ނަސޭހަތް ޝުކުރުވެރިކަމާ އެކު ބަލައިގަންނަ ކަމަށާއި ''ހަފްތާ ރެސް" ކުރިއަށް ގެންދާނީ ހައްދުން ނުނެއްޓި ކަމަށް މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް އެމްޕަވަރމަންޓް އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ޔޫތް މިނިސްޓްރީން ކޮންމެ ހަފްތާއަކު ހުކުރު ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ''ހަފްތާ ރެސް'' ފަދަ ނާޗަރަންގީގައި ޒުވާނުން ޖެއްސުމަކީ ގޯހެއް ކަމަށް ބުނެ ޑރ.އިޔާޒް ކުރެއްވި ޓުވީޓަށް ޖަވާބުދެއްވަމުން މަހްލޫފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ''ހަފްތާ ރެސް'' އަކީ ހަފްތާ ބަންދުގައި ބާއްވާ މަގުމަތީ ބާޒާރެއް ކަމަށެވެ. އަދި މި މަގުމަތީ ބާޒާރުގެ މަގުސަދަކީ ޒުވާނުންނަށް ވިޔަފާރީގެ ފުރުސަތު ހޯދައިދިނުން ކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.

ޑރ.އިޔާޒް ދެއްވި ނަސޭހަތް ބަލައިގަންނަ ކަމަށް ވިދާޅުވަމުން މަހްލޫފް ވަނީ މިކަން ކުރިއަށް ގެންދާނީ މުޅި މުޖްތަމައުގެ މަސްލަހަތަށް ބަލައިގެން ހައްދުން ނުނެއްޓިކަމަށް ވިދާޅުވެފައެވެ.