ޚަބަރު

ސިޓީ ޕާކު ތަރައްގީ ކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދަނީ

މަރިޔަމް ޝަހުދާ

ގަލޮޅު ސިޓީ ޕާކު (އެންސީ ޕާކު) ތަރައްގީ ކުރުމަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި އެވެ.

މާލެ ސިޓީ މޭޔަރު ޝިފާ މުހައްމަދު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ސިޓީ ކައުންސިލާއި ހައުސިންގް މިނިސްޓްރީ އާއި ގުޅިގެން ބުދަ ދުވަހުގެ ހަވީރު ގަލޮޅު ސިޓީ ޕާކު ތަރައްގީ ކުރުމާއި ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ސިޓީ ޕާކުގައި ކުރިއަށް ގެންދާ ފޯރަމަކަށް ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ.

ސިޓީ ޕާކަކީ މީގެ ކުރިން އެކި ރެސްޓޯރަންޓް ހިންގި ޕާކެއް ނަމަވެސް، މިޕާކަށް ވަނީ މިދިޔަ ސަރުކާރުގައި ސަލްޓަން ޕާކުގައި ތަރައްގީ ކުރި ހުޅުދާން ބަގީޗާ ބަދަލުކޮށް ޕާކު ތަރައްގީކޮށް ހުޅުވުމަށް މަސައްކަތް ކޮށްފައެވެ. އެކި ފަހަރުމަތިން ސިޓީ ޕާކުގައި ތަރައްގީ ކުރަމުން އައި ހުޅުދާން ބަގީޗާގެ މަސައްކަތް ފަސްކޮށް، އެޕާކު ހުޅުވުން ލަސްވެ، އެންމެ ފަހުން ޕާކުގެ މަސައްކަތް އެއްކޮށް ހުއްޓުމަކަށް އައިސް ވަރަށް ފަހަކާ ޖެހެންދެން ސިޓީ ޕާކު ވަނީ ވީރާނާވާން ދޫކޮށްލައިފައެވެ.

ނަމަވެސް މިހަފްތާ ތެރޭ މާލެ ސިޓީ ކައުންސިލްގެ އިސްނެންގެވުމުގެ ދަށުން ވަނީ މި ޕާކު ސާފުކުރުމުގެ މަސައްކަތް ފަށާފައެވެ. ސިޓީ ޕާކު ސާފުކުރުމުގެ މަސައްކަތް ފެށިކަން ހާމަކުރަމުން ޝިފާ ކުރެއްވި ޓުވިޓެއްގައި މި ޕާކު ތަރައްގީ ކުރުމާއި ގުޅެގޮތުން މަޝްވަރާކުރުން އޮންނާނެ ކަމަށް ކުރީން ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ ސަރުކާރުން ވަނީ މިއަހަރު ކުރީކޮޅު ސިޓީ ޕާކު ދެވަނަ ފަހަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ކޮށްފައެވެ. އެގޮތުން ހައުސިންގް މިނިސްޓްރީއިން ޕޫލް ތީމް ޕާކެއްގެ ގޮތުގައި ސިޓީ ޕާކު ތަރައްގީ ކުރާނެ ބަޔަކު ހޯދުމަށް ދެ ފަހަރެއްގެ މަތީން އިއުލާނު ކުރިނަމަވެސް އެކަށީގެންވާ ތަރުހީބު ނުލިބުމުގެ ސަބަބުން އެ މަސައްކަތް ވަނީ ކުރިއަށް ގެންދެވޭ ގޮތް ނުވެފަ އެވެ.