ރައީސް ޔާމީން

ރައީސް ޔާމީންގެ ސިޔާސީ ޕާޓީ އުފައްދަން އިލެކްޝަނަށް އަދުރޭ ފޯމު ހުށަހަޅުއްވައިފި

ކުރީގެ ރައީސް، ޔާމިން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދަވާ ސިޔާސީ ޕާޓީ އުފެއްދުމަށް، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު (އީސީ ޝަރީފު) މީގެ ކުޑަ އިރުކޮޅެއް ކުރީން "ވަން އޮންލައިން" އަށް ވިދާޅުވީ އަދުރޭ ފޯމު ހުށަހެޅުއްވީ އިއްޔެ ކަމަށެވެ.

"އެކަމާ ގުޅޭ ގޮތުން ކޮމިޝަނުން ބަލަން ޖެހޭ ކަންކަން ބަލަން މިހާރު ވާނީ ހަވާލުކޮށްފައި. އިތުރު މައްސަލައެއް ނެތް ނަމަ އެ މަސައްކަތް ކުރިޔަށް ގެންދިއުމުގެ ހުއްދަ މި ހަފުތާ ތެރޭ ދެވޭތޯ ބަލާނަން." ޝަރީފު ވިދާޅުވި އެވެ.

ޕީޕީއެމްގެ އިސް އޮފިޝަލަކު "ވަން އޮންލައިން" އަށް ދާދި ދެންމެ ވިދާޅުވި ގޮތުގައި އުފެއްދުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ޕާޓީގެ ނަމަކީ "ޕީޕަލްސް ނެޝަނަލް ކޮންގްރެސް" (ޕީއެންސީ) އެވެ. އަދި ހުއްދަ ލިބުނު އެންމެ އަވަހަކަށް 3000 މެންބަރުން ހަމަކުރުމުގެ މަސައްކަތް ފަށާނެ ކަމަށް އެ އޮފިޝަލު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ 10 ވަރަކަށް ދުވަސްތެރޭ 3000 ހަމަކޮށްފަ އިލެކްޝަނަށް ހުށަހެޅުން. އިރާދަފުޅުކުރެއްވިއްޔާ އެހާވަރު ވާނެ." ވަން އޮންލައިން އަށް މައުލޫމާިތު ދެއްވި އޮފިޝަލު ވިދާޅުވި އެވެ.

ރައީސް ޔާމީން އިސްވެ ހުންނަވައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އަދުރޭ ހުށަހަޅުއްވާފައި މި ވަނީ ސިޔާސީ މުސްތަގުބަލު އޮތީ އާ ޕާޓީއެއް އުފައްދަވައިގެން ކަމަށް ގަބޫލުފުޅު ކުރެއްވޭ ކަމަށް ރައީސް ޔާމީން ދާދި ފަހުން ވިދާޅުވެފައި ވަނިކޮށެވެ.

ޕީޕީއެމްގެ ރައީސް ކަމުގައި އެމަނިކުފާނު މި ވަގުތު ހުންނެވި ނަމަވެސް މައްސަލަ އޮތީ ސުޕްރީމް ކޯޓުގައި ކަމުން، އެ ކޯޓުން މައްސަލައިގެ އެންމެ ފަހުގެ ފައިސަލާ އަންނާނީ ކޮން ގޮތަކަށް ނޭނގޭތީ އެއަށް ބަލަހައްޓައިގެން ތިބުމަކީ ސިޔާސީ މުސްތަގުބަލަށް ބަލާ އިރު އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ރައީސް ޔާމީން އަރިހުގައި މަސައްކަތްކުރައްވާ މަޖިލިސް މެންބަރުން ވަނީ ވިދާޅުވެފަ އެވެ.