ޔޫތު މިނިސްޓްރީން އަންނަ ހުކުރު ދުވަހު ފަށަން ހަމަޖައްސައިފައިވާ "ހަފްތާ ރެސް" ފަދަ ނާޗަރަންގީގައި ޒުވާނުން ޖެއްސުމަކީ ގޯހެއް ކަމަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލް ލަތީފް ވިދާޅުވެއްޖެ އެވެ.
ޑރ.އިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހަފްތާ ރެސް ފަދަ ކަންކަމަކީ ރަނގަޅުމެއް ނޫން ކަމަށާއި މީގެ އަވައިގައި ޒުވާނުން ޖެއްސުމަކީ ހެދޭ ވަރަށް ބޮޑު ގޯހެއް ކަމަށެވެ.
މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ހަފްތާ ރެސް" އަކީ ހާއްސަ މާރުކޭޓާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް އެކުލެވޭ ގޮތަށް ހިންގުމަށް ހަމަޖެހިފައިވާ ޒުވާނުންގެ ފެސްޓިވަލެކެވެ. މި ޕްރޮގްރާމްގެ ދަށުން ހަވީރު ކުޑަކުދިންގެ ހަވީރެއް ކުރިއަށް ގެންދިއުމަށް ހަމަޖެހފައިވާއިރު، ހުކުރު ދުވަހުގެ ރޭ މިއުޒިކް ޝޯއެއްގެ އިތުރުން ކުދި ވިޔަފާރަވެރީންނަށް ހާއްސަ މާކެޓެއް އެ ސަރަހައްދުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.