އެޑިޔުކޭޝަން މިނިސްޓަރު އާއިޝަތު އަލީ

ދެވަނަ ޓާމުންފެށިގެން ހުރިހާ ސްކޫލެއްގައި ނާސްތާ ދޭން ފަށާނެ: އެޑިއުކޭޝަން މިނިސްޓަރު

ޝަހީދާ އަބްދުﷲ ސައީދު

އަންނަ އަހަރުގެ ދެވަނަ ޓާމުން ފެށިގެން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ދަރިވަރުންނަށް ދޭން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޑރ. އާއިޝަތު އަލީ މިހެން ވިދާޅުވީ ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމާ ބެހޭ ގޮތުން ބެލެނިވެރިންގެ ހިޔާލު ހޯދުމަށް ރޭ އަމީނިއްޔާ ސްކޫލުގައި ބޭއްވި ފޯރަމްގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ އަންނަ އަހަރުގެ ފުރަތަމަ ޓާމްގައި 25 ސްކޫލެއްގައި ނާސްތާ ދޭން ފަށަނީ ޕައިލެޓް ޕްރޮގްރާމެއްގެ ގޮތުގައި އެކަން ފެށުމަށް ކަމަށެވެ.

އަދި އަންނަ އަހަރުގެ ޖޫން މަހު މުޅި ރާއްޖޭގައި އެޕްރޮގްރާމް ފެށޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ފުރަތަމަ ޓާމްގައި ނާސްތާ ދޭން ފަށާ ސްކޫލްތަކުގައި ބޭނުން ކުރާނެ 10 މެނޫއެއް ކުރިން އިއުލާން ކޮށްފައި ވީނަމަވެސް އެކި ފަރާތްތަކުގެ މަޝްވަރާތަކަށް ފަހު މެނޫތަކަށް އިތުރު ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން މިހާރު ހުރި މެނޫތަކަކީ ވެސް ކަމާބެހޭ ފަރާތްތަކުގެ ލަފަޔާ އެކު އެކުލަވާލައިފައިވާ މެނޫތަކެއްކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ މެނޫއަށް ކިރާއި ބިހާއި ދޮންކެޔޮ އިތުރުކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ނާސްތާ ތައްޔާރު ކުރާނެ ފަރާތެއް ހަވާލު ކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ކާބޯތަކެތީގެ ރައްކާތެރިކަން ހިފެހެއްޓުމަށް ކަމަށެވެ. އަދި ނާސްތާ ތައްޔާރުކޮށްދިނުމަށް ސްކޫލްތަކުގެ ޕީޓީއޭ ނުވަތަ ރަށު ފެންވަރުގެ އެހެން ފަރާތްތަކަށް ވެސް ފުރުސަތު އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުގެ ފުރަތަމަ 100ދުވަހުގެ ތެރޭގައި ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.