"ލިވަބޯޑު އެސޯސިއޭޝަން އޮފަ މޯލްޑިވްސް"ގެ ނަން "ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް"ގެ ނަމަށް ބަދަލުކޮށް ގައުމީ ޖަމިއްޔާއެއްގެ ގޮތުގައި މަސައްކަތް ފަށައިފިއެވެ.
4 ޖޫން 2007ގައި އުފެދިގެންދިޔަ ރާއްޖޭގެ ބޯޓިން އިންޑަސްޓްރީ ރަމްޒުކޮށްދޭ ޖަމިއްޔާ ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނަން ބަދަލުކޮށް ގައުމީ ޖަމިއްޔާއެއްގެ ގޮތުގައި މަސައްކަތް ފެށިކަން ހާމަކޮށްފައިވަނީ މިރޭ ދަރުބާރުގައި ބޭއްވި މޯލްޑިވްސް ބޯޓިންގ އެވޯޑްސް 2018 ގައެވެ.
"ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް"ގެ ހަރަކާތްތަކާ ބެހޭގޮތުން ވަން އޮންލައިނަށް ދެއްވި އިންޓަވިއު އެއްގައި "ލިވަބޯޑު އެސޯސިއޭޝަން އޮފަ މޯލްޑިވްސް" ގެ ކޯ ފައުންޑަރ އިސްމާއިލް ހަމީދު ވިދާޅުވީ ގައުމީ ޖަމިއްޔާއެއްގެ ގޮތުގައި ހަރަކާތްތެރިވުމަށް ބޭނުންވާތީ ސަރުކާރުގައި އެދުމުން "ލިވަބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސް" ގައުމީ ޖަމިއްޔާއަކަށް ބަދަލުކޮށް "ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް"ގެ ނަމަށް ބަދަލުކޮށްފައިވާ ކަމަށެވެ.
އިސްމާއިލް ހަމީދު އިތުރަށް ވިދާޅުވީ ގައުމީ ޖަމިއްޔާއެއްގެ ގޮތުގައި ފެށުމުން މި ޖަމިއްޔާއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެން ދާނެ ކަމަށާއި މިއީ ޖަމިއްޔާގެ މެންބަރުންނަށް ލިބިގެން ދާނެ ކުރިއެރުމެއް ކަމަށެވެ.
އިސްމާއިލް ހަމީދު ވިދާޅުވީ މިހާރުވެސް ސަރުކާރުން ވަނީ "ލިވަބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސް" އަށް ފަޅެއް ހަމަޖެހިގެން ދާނެކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ.
"ލިވަބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސް" ގެ މުސްތަގުބަލުގައި ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށް އިސްމާއިލް ހަމީދު ވިދާޅުވިއެވެ. ހާއްސަކޮށް ޖަމިއްޔާގެ މަސައްކަތް ފުޅާކޮށް ލިވަބޯޑް އިންޑަސްޓްރީގެ އިތުރުން ރާއްޖޭގެ މެރިން އިންޑަސްޓްރީ ކުރިއެރުމަށް މަސައްކަތް ފެށުމަށް ރޭވިފައިވާ ކަމަށް ވިދާޅުވިއެވެ.
އިންޑަސްޓްރީ ކުރިއެރުމުގެ ގޮތުން މިހާރަށް ވުރެން ބޮޑަށް މި ދާއިރާ ޕްރޮމޯޓުކުރުމުގެ މަސައްކަތް އިތުރުކޮށް އިންޓަނޭޝަނަލް ބޮޑެތި އިވެންޓުތަކުގައި ބައިވެރިވާނެ ކަމަށް އިސްމާއިލް ހަމީދު ވިދާޅުވިއެވެ. އިސްމާއިލް ހަމީދު ވިދާޅުވީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ތަމްރީނު ދިނުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ރޭވިފައިވާ ކަމަށެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި "ލިވަބޯޑު އެސޯސިއޭޝަން އޮފަ މޯލްޑިވްސް"ގެ މޯލްޑިވްސް ބޯޓިންގ އެވޯޑްސް 2018 ގައި ރާއްޖޭގެ ބޯޓިންގ އިންޑަސްޓްރީގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ފަރާތްތަކުން އެވޯޑް ހާސިލް ކޮށްފައިވެއެވެ.
"ވަން އޮންލައިން" އަކީ މޯލްޑިވްސް ބޯޓިންގ އެވޯޑްސް 2018ގެ އޮންލައިން މީޑިއާ ޕާޓްނަރެވެ.