މިއަހަރުގެ ފިތުރު ޒަކާތް ބަހާފައިވަނީ، މި ހިނގާ ހިޖުރީ އަހަރުގެ ކުރީކޮޅު ފަގީރުންގެ ދަފުތަރުގައި ރަޖިސްޓަރީވުމަށް ހުޅުވާލި ފުރުސަތުގައި ރަޖިސްޓްރީވި ފަރާތްތައް ހިމަނައިގެން އެކުލަވާލެވުނު ލިސްޓަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ 1441 ވަނަ އަހަރުގެ ފިތުރު ޒަކާތް ބެހުމަށްޓަކައި ރޯދަ މަހުގެ ކުރިން ފަގީރުންގެ ދަފުތަރު މުރާޖާކުރުމަށް މިނިސްޓްރީން މަސައްކަތް ކުރި ނަމަވެސް ފުރަބަންދުގެ ހާލަތުގެ ސަބަބުން އެކަން ކުރެވޭގޮތް ނުވެފައިވާ ކަމަށެވެ. އަދި ފަގީރުންގެ ދަފުތަރު އާކުރުމަކީ އެކަމަށް ވަކި ހާއްސަ އިންތިޒާމުތައް ހަމަޖެހިގެން ދައުލަތުގެ ތަފާތު އެކި މުއައްސަސާތަކާއެކު ކުރަންޖެހޭ ކަމެއް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ފަގީރުންގެ ދަފުތަރުގައި ހިމެނުމަށް އެދި ހުށަހަޅާ ފޯމާއެކު ވަރަށް ގިނަ ލިޔެކިޔުންތަކެއް ހުށަހަޅަންޖެހޭތީ، ފަގީރު ހާލަތުގައި ތިބި ރައްޔިތުންނަށް މި ހުރިހައި ލިޔެކިޔުންތައް އެކި މުއައްސަސާތައް މެދުވެރިކޮށް ހަމަކުރުމަށްފަހު، އޮންލައިންކޮށް ހުށަހެޅުމަށް ހުރަސްތަކެއް މެދުވެރިވެ، ހަމަހަމަ ފުރުސަތު ގެއްލިދާނެ ކަމަށް ދެކޭތީ އެކަން ނުކުރަން ނިންމީ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
"އަހަރުގެ ފިތުރު ޒަކާތް ބަހާފައިވަނީ، މިއަހަރުގެ ކުރީކޮޅު (13 ޛުލްގައިދާ 1440 އިން 01 މުހައްރަމް 1441 ވަނަ ދުވަހުގެ ނިޔަލަށް ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އިތުރު ފުރުސަތެއް ދިނުމަށް ހުޅުވާލެވި 02 ސަފަރު 1441 ގައި) އެކުލަވާލެވުނު ލިސްޓަށް، ވުމާއެކު މިއަހަރު ފިތުރު ޒަކާތް ބަހާފައިވަނީ، މި ހިނގާ 1441 ވަނަ އަހަރު މުރާޖާ ކުރެވިފައިވާ އާ ލިސްޓަށް، އެއީ 1439 ވަނަ އަހަރުގެ ލިސްޓެއް ނޫންކަމާއި 02 ސަފަރު 1441 ގައި އެކުލަވާލެވުނު ފަގީރުންގެ ދަފުތަރުކަން ބަޔާންކޮށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް އެ މައުލޫމާތު ހިއްސާކުރެވިފައި ވާނެ،" ބަޔާނުގައިވެއެވެ.
މިނިސްޓްރީން ބުނީ ޒަކާތުގެ ކަންކަން ނިންމުމުގައި އަބަދުވެސް އަހަރު ބަލާނީ ހިޖުރީ ތާރީހުން ކަމަށާއި މީލާދީ ތާރީހަށް ނޫން ކަމަށެވެ.
މިނިސްޓްރީން ބުނީ ފުރަބަންދުގެ ހާލަތަށް ލުއިތަކެއް ދެވުމާއެކު، މުދަލު ޒަކާތް ބެހުމުގެ ކުރިން ފަގީރުންގެ ދަފުތަރު މުރާޖާކުރުމަށްޓަކައި އާއްމުކޮށް ހުޅުވާލައިފައިވާ ކަމަށެވެ. އަދި މިހާރުގެ މި އާއްމު ހާލަތުގައިވެސް، މުއައްސަސާތަކުން ހޯދަންޖެހޭ ލިޔެކިޔުންތައް ހަމަކުރުމާއި، ފޯމު ހުށަހެޅުމުގައި ހުރި ގިނަ ގޮންޖެހުންތަކުގެ ޝަކުވާ މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ،
"ފަގީރުންގެ ދަފުތަރު އެކުލަވާލުމަށްޓަކައި މިނިސްޓްރީން ތައްޔާރުކޮށްފައިވާ އުސޫލާއި ފަގީރުކަމަށް ބެލެވޭނެ މިންގަނޑުތަކާއި، ފަގީރުންގެ ދަފުތަރުގައި ހިމެނުމަށް އެދި ހުށަހަޅާ ފޯމާއި، އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކަކީ، ރާއްޖޭގައި ހުންނަ ޔުނައިޓަޑް ނޭޝަންސްއާއި ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއާއި ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކުގެ އިތުރުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއާއެކު މަޝްވަރާކުރެވިގެން ނިންމިފައިވާ ކަންކަން،" މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ފުރަބަންދުގެ ހާލަތުގައި އުސޫލުތަކާ ހިލާފަށް އަވަސް އަރުވާލައިގެން، ހަމަހަމަކަން ގެއްލޭގޮތަށް ފަގީރުންގެ ލިސްޓަށް ބަދަލުގެނައުމަކީ އިންސާފުވެރި ގޮތެއް ނޫންކަމަށް ދެކޭ ކަމަށެވެ. އަދި ކަށަވަރުވެފައިވާ ފަގީރުންގެ ލިސްޓަށް 1441 ވަނަ އަހަރުގެ ފިތުރު ޒަކާތް ބެހުމަކީ، އެންމެ އިންސާފުވެރި ގޮތް ކަމުގައި ވެސް ދެކޭ ކަމަށެވެ.
ޒަކާތުގެ ޝިއާރާއި އެނޫންވެސް އިސްލާމް ދީނުގެ މަތިވެރި ޝިއާރުތައް ގާއިމުކުރުގައި މިނިސްޓްރީން އަމަލުކުރަމުން އަންނަ ގޮތާމެދު އާއްމުންގެ ހިތްތަކުގައި ޝައްކު އުފެދި، އިތުބާރު ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.