މީރާއަކީ މިވަގުތު ވިޔަފާރިއަށް އޮތް ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި މީރާ އުފެދިގެން ދިޔައީ އެއްގޮތަކަށް ވެސް އެ ނިޔަތަކު ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ލިވްއަބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް)އިން އިންތިޒާމްކޮށްގެން މިރޭ ބޭއްވި ހަތަރުވަނަ މޯލްޑިވްސް ބޯޓިންގ އެވޯޑްސްގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ މީރާ އުފެދިގެން ދިޔައީ ވިޔަފާރިވެރިން ލައްވާ ވިޔަފާރި ކުރުވައި، އޭގެ މަންފާ ދިވެހި ރައްޔިތުންނަށް ބެހޭނެ ގޮތަކަށް ރޭވުމަށްޓަކައި ކަމަށެވެ.
"މީރާއަކީ މިވަގުތު ވިޔަފާރިއަށް އޮތް ވަރަށް ބޮޑު ގެއްލުމެއް. މީރާ އުފެދިގެން އައީކީ އެއްގޮތަކަށް ވެސް އެ ނިޔަތުގައެއް ނޫން. މީރާ އުފެދިގެން އައީ ވިޔަފާރިވެރިން ލައްވާ ވިޔަފާރި ކުރުވައި، އޭގެ މަންފާ ދިވެހި ރައްޔިތުންނަށް ބެހޭނެ ގޮތަކަށް ރޭވުމަށްޓަކައި،" މިނިސްޓަރު ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ ޓެކްސް ނުނަގައި ގައުމަކަށް ކުރިއެރުވުމެއް ނުގެނެވޭނެ ކަމަށާއި ނަމަވެސް ޓެކްސް ނެގުމަކީ ވިޔަފާރިތައް ފުނޑުފުނޑުކޮށްލާފައި ޓެކްސް ނެގުމެއް ނޫން ކަމަށެވެ. އެހެންނަމަވެސް ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި މީރާ އިން ފެނިގެންދިޔައީ އަމިއްލަ ބޭނުންވާ ގޮތަކަށް އެ ގާނޫނާއި ގަވާއިދުތައް މާނަކޮށްގެން ވިޔަފާރިތައް ބަނގުރޫކޮށްލި ތަން ކަމަށެވެ.
"އަޅުގަނޑުމެންނަށް ފެނިގެންދިޔައީ މީރާ، މި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި މީރާ އަމިއްލަ ބޭނުންވާ ގޮތަކަށް އެ ގާނޫނާއި ގަވާއިދުތައް މާނަކޮށްގެން ވަރަށް ގިނަ ވިޔަފާރިތަކެއް ބަނގުރޫޓުވެގެންދިޔަ ތަން އަޅުގަނޑުމެންގެ ލޯމަތިން ފެނިއްޖެ، އަޅުގަނޑުމެންނަށް އެކަމުގައި ތަޖުރިބާ ކުރެވިއްޖެ،" އޭނާ ވިދާޅުވިއެވެ.
ފައްޔާޒް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ޓެކްސް ގާނޫނުތައް ރިވިއުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާނެ ކަމަށެވެ.