ސަފާރީތައް އެޅުމަށް މާލެ ކައިރިން ވަރަށް އަވަހަށް ފަޅެއް ހަމަޖެހިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ލިވްއަބޯޑު އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް)އިން އިންތިޒާމްކޮށްގެން ބާއްވާ ހަތަރުވަނަ މޯލްޑިވްސް ބޯޓިންގ އެވޯޑްސްގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ ސަފާރީ އޮޕަރޭޓްކުރާ ފަރާތްތަކުގެ އެންމެ ބޮޑު ޝަކުވާއަކީ ސަފާރީތައް އަޅާނެ ފަޅެއް ހަމަޖެހިފައި ނެތުން ކަމަށެވެ.
ފައްޔާޒް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ސަފާރީތައް އެޅުމަށް ފަޅެއް ހަމަޖެހިގެންދިޔަ ނަމަވެސް ސަރުކާރު ބަދަލުވުމާއެކު އެ ފަޅު ގެއްލިގެންދިޔަ ކަމަށެވެ.
"ސަފާރީ އޮޕަރޭޓްކުރާ ފަރާތްތަކުގެ އެންމެ ބޮޑު ޝަކުވާއަކީ ސަފާރީތައް އަޅާނެ ފަޅެއް ހަމަޖެހިފައި ނެތުން. ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި ސަފާރީތައް އެޅުމަށް ސަރުކާރުން މާލެ ކައިރިން ފަޅެއް ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން އަރުވަން،" ދަރުބާރުގޭގައި މިހާރު ކުރިއަށްދާ މޯލްޑިވްސް ބޯޓިންގ އެވޯޑްސްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ފައްޔާޒް ވިދާޅުވީ ވިޔަފާރި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާ ބައްދަލުކޮށް އެ ފަރާތްތަކުން ކުރިމަތިލާންޖެހޭ ގޮންޖެހުންތައް ބަލަމުންދާ ކަމަށެވެ.