ވަރަށް އަވަހަށް ވެހިކަލް ދުއްވޭ ގޮތަށް ރަސްފަންނު ކުރިމަތީ އޮތް ބޮޑުތަކުރުފާނު މަގު ހުޅުވާލާނެ ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން ބުނެފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކު "ވަން އޮންލައިން"އަށް ވިދާޅުވީ ރަސްފަންނު ސަރަހައްދުގައި އެއްވެސް މަސައްކަތެއް ކުރިއަށްނުދާ ކަމަށެވެ.
"މާލޭ ސިޓީ ކައުންސިލާއި ހައުސިން މިނިސްޓްރީއާ މަޝްވަރާކުރުމަށް ފަހު ހަފްތާއެއް ނުވަތަ ދެ ހަފްތާ ތެރޭ އެ މަގު ވެހިކަލްތަކަށް ދުއްވޭ ގޮތަށް ހުޅުވާލާނެ،" އޭނާ ވިދާޅުވިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ އިއްޔެގެ ވަގުތެއްގައި ރަސްފަންނު ސަރަހައްދަށް މިނިސްޓަރު އައިޝަތު ނަހުލާ ވަޑައިގެން ބައްލަވާލައްވާފައިވާ ކަމަށެވެ.
މާލެ ވަށާ ދުއްވޭ ގޮތަށް ރިންގް ރޯޑް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި ފުއްދުމަށް ކަނޑައަޅާފައިވާ ވައުދެކެވެ.