ޓެކްސީ ކުރުމުގެ އަގުތަކުގެ ގޮތުގައި މިހާރު ހުރި އަގުތައް މުރާޖައާ ކުރައްވަން ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ނިންމަވައިފި އެވެ.
މިހާރު އަމަލުކުރަމުން އަންނަ އަގު ތަކަކީ ރައީސް ޔާމީންގެ ސަރުކާރުގައި މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ކަނޑައެޅުއްވި އަގުތަކެކެވެ.
"ވަން އޮންލައިން" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ނަހުލާ ވިދާޅުވީ މިހާރު އޮތް ގޮތުން ނަމަ އެއްވެސް ޑްރައިވަރަކު ކަނޑައަޅާފައިވާ އަގަށް ވުރެ ބޮޑުކޮށް ރައްޔިތުންގެ އަތުން ފައިސާ ނަގައިގެން ނުވާނެ ކަމަށެވެ.
"މާދަމާއިން ފެށިގެން އަޅުގަނޑު ވެސް ހިމެނޭ ގޮތުން މިނިސްޓްރީގެ ޓީމުތަކުން ޓެކްސީ ތަކުގައި ދަތުރުކޮށް ގަވައިދާ ޚިލާފަށް ފައިސާ ނެގުމުގެ މައްސަލަ ބަލާނަން. އެގޮތުން ބަލާ އިރު ދަތުރުކުރާ މީހުންގެ ސައިޑާއި ޓެކްސީ ޑްރައިވަރުންގެ ސައިޑުވެސް އަޅުގަނޑުމެން އަޑު އަހާނަން. އެކަމަކު ކޮންމެ ގޮތެއް ވިޔަސް މިހާރު އަގު ނަގަން ވާނީ މިހާރު އޮތް ގަވައިދުގެ ތެރެއިން." މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ އަގު މުރާޖައާ ކުރުމުގެ ގޮތުން ޓެކްސީ ސެންޓަރު ތަކާއި ޑްރައިވަރުންނާ ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާނެ ކަމަށެވެ. އަގަށް ބަދަލު ގެންނާން ޖެހޭތޯ ނުވަތަ ނޫންތޯ ނިންމާނީ އެ މަޝްވަރާތަކަށް ފަހު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"މީގަ އަޅުގަނޑުމެންގެ ވިސްނުމަކީ ދަތުރުކުރާ މީހުންނާއި އެ ޚިދުމަތް ދޭ މީހުންނަށް ވެސް އެއްބަސްވެވޭ އަދި ގަބޫލު ކުރެވޭނެ އެންމެ އިންސާފުވެރި ގޮތަކަށް މިކަން ހަމަޖެހިގެން ދިއުން. ދަތުރުފަތުރަކީ އަސާސީ ހައްގެއް. އެކަން ވީ އެންމެ ފަސޭހަ ކަމާއެކު ކުރެވުމަކީ މުހިންމު ކަމެއް." މިނިސްޓަރު ވިދާޅުވި އެވެ.