"މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018"ގެ ދެ އެވޯޑެއް އުރީދޫ މޯލްޑިވްސް އިން ހާސިލްކޮށްފިއެވެ.
ޕެރަޑައިސް އައިލެންޑް ރިސޯޓް އެންޑް ސްޕާގައި ބޭއްވި "މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018" ގާލާގައި އުރީދޫ އިން ރޭ ހާސިލްކުރި ދެ އެވޯޑަކީ އެކްސެލެންސް އިން އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން އެވޯޑާއި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް އޮފް ދަ އިޔަރ އެވޯޑެވެ.
އެކްސެލެންސް އިން އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން އެވޯޑު އުރީދޫއާ ހަވާލުކޮށްދެއްވީ ޕްރިންޓް ލެބްގެ މެނޭޖިން ޑިރެކްޓަރު މަދީހު ޖަމާލެވެ. އަދި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް އޮފް ދަ އިޔަރ އެވޯޑް އުރީދޫއާ ހަވާލުކޮށްދެއްވީ ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމެވެ.
ރާއްޖޭގެ ވިޔަފާރީގެ ދާއިރާ ތަރައްގީ ކުރުމަށް ކުރާ މަސައްކަތާއި އިގްތިސާދަށް އަންނަ ބަދަލުގެ އިތުރުން އެހެން ވިޔަފާރިތަކަށް ހިތްވަރުދިނުމަށް ބްލޭޒަން އިންކްއިން ދޭ މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018 ގައި ތަފާތު ތިން ކެޓަގަރީއަކުން އެވޯޑް ދީފައިވެއެވެ. އެއީ އިންޑަސްޓްރީ އެކްސެލެންސް އެވޯޑާއި އެންޓަޕްރައިސް އެކްސެލެންސް އެވޯޑްގެ އިތުރުން އިންޑިވިޖުއަލް އެކްސެލެންސް އެވޯޑެވެ.
މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018ގައި އިންޑަސްޓްރީ އެކްސެލެންސް އެވޯޑް 12 ފަރާތަކަށް ލިބިފައިވާ އިރު، އެންޓަޕްރައިސް އެކްސެލެންސް އެވޯޑް ފަސް ފަރާތަކަށް ވަނީ ލިބިފައެވެ. އެ އެވޯޑްސްގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ލިބިވަޑައިގެންނެވީ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީގެ ފައުންޑަރ އަދި ވިލާ ގްރޫޕްގެ ޗެއާމަން އަދި މެނޭޖިންގ ޑިރެކްޓަރ ގާސިމް އިބްރާހީމަށެވެ.