ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އެއްގަމު އުޅަނދު ރަޖިސްޓަރީ ކޮށްފައިވާ ގަރާޖު ނޫން އެހެން ތަނެއްގައި ޕާކުކުރާ ނަމަ ރަޖިސްޓަރީ ބާތިލްކުރުމަށް ޓްރާންސްޕޯޓް އޮތޯރިޓީން ނިންމައިފިއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން 2017ގެ ޑިސެމްބަރު ހަތަރުވަނަ ދުވަހު އެކުލަވާލާފައިވާ ގަރާޖު ރަޖިސްޓަރީ ކުރުމުގައި އަމަލުކުރާނެ އުސޫލު ބާތިލްކޮށް، އަލަށް އެކުލަވާލި އުސޫލަށް އަމަލުކުރަން ފެށެމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެންނެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ އައު އުސޫލުގައި ގަރާޖެއްގައި ހުންނަންވާ ޝަރުތުތައް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެ ޝަރުތުތަކުގެ ތެރޭގައި ގަރާޖު ޗެކްކުރާ އިރު އެ ގަރާޖުގައި ވަހިކަލް ގަރާޖުކުރުން ނޫން އެހެން ބޭނުމެއް ކުރާ ނަމަ އެފަދަ ތަނަކަށް ވެހިކަލް ރަޖިސްޓަރީ ނުކޮށްދޭގޮތަށް ހަމަޖެހިފައިވެއެވެ.
"އޭ" ޒޯނުގައި ރަޖިސްޓަރީ ކުރުމަށް ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުލަނޑު ހުށަހަޅާ ފަރާތުގެ ނަމުގައި ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އެއްވެސް އުޅަނދެއް ރަޖިސްޓަރީ ކޮށްފައިވާ ނަމަ، އެ އުޅަނދު ރަޖިސްޓަރީ ކޮށްފައިވާ ގަރާޖުގައި ގަރާޖުކުރަމުން ނުދާ ކަމަށް ނުވަތަ އެ އުޅަނދަކީ މަގުމަތީގައި ގަރާޖުކުރުމަށް ބޭނުންކުރާ އުޅަނދެއް ކަމަށް އެ އޮޓޯރިޓީއަށް ފާހަގަކުރެވޭ ނަމަ އިތުރަށް އެފަދަ ފަރާތްތަކަށް "އޭ" ޒޯނުގައި ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓަރީ ނުކޮށްދޭ ގޮތަށް ހަމަޖެހިފައިވެއެވެ.
އައު އުސޫލުގެ ޝަރުތުތަކުގެ ތެރޭގައި މާލޭގެ އަވަށްތަކުގެ ތެރެއިން ހެންވޭރު، ގަލޮޅު، މައްޗަންގޮޅި، މާފަންނުގައި ރަޖިސްޓަރީ ކުރާ ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ރަޖިސްޓަރީކޮށް ރަޖިސްޓަރީ ހަވާލުކުރާއިރު އެ އުޅަނދު މެންދަމު 12:00 އިން ފެށިގެން ހެނދުނު 6:00އާ ދެމެދު އެއް ގަޑިއިރަށް ވުރެ އިތުރަށް ޕާކުކޮށްފައި އޮންނަންވާނީ ރަޖިސްޓަރީ ކޮށްފައިވާ ގަރާޖުގައިކަން ބަޔާންކޮށް ލިޔުމަކުން އުޅަނދުގެ ވެރިފަރާތް އަންގަންވާނެ ކަން ވެސް ފާހަގަކޮށްފައިވެއެވެ.
އޭގެ އިތުރުން ޓްރާންސްޕޯޓް އޮތޯރިޓީއަށް ވެހިކަލް ގަރާޖު ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ލިޔުމަކީ ސައްހަ ނޫން ލިޔުމެއް ކަމަށް ސާބިތުވެއްޖެ ނަމަ އެ ގަރާޖުގެ ވެރިފަރާތާއި އަދި އެ ގަރާޖުގައި ވަހިކަލް ރަޖިސްޓަރީ ކުރުމަށް ހުށަހެޅި ފަރާތުގެ މައްސަލަ ބެލުމަށްޓަކައި ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަން ވާނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.