ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހު އިންޑޮނޭޝިއާގެ ރައީސަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވަވައިފި

މަރިޔަމް ޝަހުދާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯއަށް ތައުޒިޔާގެ މެސެޖެއް ފޮނުއްވަވައިފިއެވެ.

ރައީސް ސޯލިހް އިންޑޮނޭޝިއާގެ ރައީސަށް ތައުޒިޔާގެ ވިދާޅުވެފައިވަނީ އިންޑޮނޭޝިއާގެ ޕަންޑެގަލަންގ، ސެރަންގ އަދި ދެކުނު ލަމްޕުންގގެ އައްސޭރިފަށަށް ސުނާމީއެއް އެރުމާ ގުޅިގެންނެވެ.

ރައީސް ސޯލިހު ފޮނުއްވެވި މެސެޖުގައި ވަނީ އިންޑޮނޭޝިއާގެ ޕަންޑެގަލަންގ، ސެރަންގ އަދި ދެކުނު ލަމްޕުންގގެ އައްސޭރިފަށަށް ސުނާމީ އަރައި، އެތައްބައެއްގެ ފުރާނަ ގެއްލި، އެތައްބައެއްގެ ގެއާއި މުދަލަށް ލިބުނު ގެއްލުމުގެ ވާހަކަ އަޑު އެހީ ފުން ހިތާމައާއެކު ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނާއި ރާއްޖޭގެ އެންމެހާ ރައްޔިތުންގެ ނަމުގައި އިންޑޮނޭޝިއާގެ ރައީސް އަށާއި ރައްޔިތުންނަށް ތައުޒިޔާ ފޮނުވާކަމާއި، އިންޑޮނޭޝިއާގެ ރައްޔިތުންނަށް ދިމާވެފައިވާ ހިތާމާގައި ބައިވެރިވާކަމަށް ރައީސް ސޯލިހު ފޮނުއްވެވި މެސެޖުގައި ވެއެވެ.

އިންޑޮނޭޝިއާއަށް އެރި މި ސުނާމީގައި 62 މީހުން މަރުވެފައިވާއިރު 548 މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އެގައުމުގެ އޮފިޝަލުން ވަނީ މައުލޫމާތު ދީފައެވެ. މީގެ އިތުރުން 430 ގެއަކަށާއި ނުވަ ހޮޓަލަކަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ. އިންޑޮނީޝިއާގެ ޖިއޮލޮޖިކަލް އެޖެންސީން ލަފާކޮށްފައިވާ ގޮތުން ސުނާމީ އަރާފައިި ވަނީ އަލިފާން ފަރުބަދަތަކެއް ގޮވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑަށް އައި ބަދަލެއްގެ ސަބަބުންނެވެ.