ޚަބަރު

ޕީޕީއެމްގައި ރައީސް ޔާމީން އަރިހުގައި މަސައްކަތް ކުރަން ފެށީ ބައްޕަ ވިދާޅުވެގެން: ޣައްސާން

މަރިޔަމް ޝަހުދާ

ޕީޕީއެމްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަރިހުގައި މަސައްކަތް ކުރައްވަން ފެެއްޓެވީ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ވިދާޅުވެގެން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން މިހެން ވިދާޅުވީ ސީއެންއެމްގެ "އިތުރުކާފު" ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައެވެ. އެގޮތުން ހަގީގަތުގައި ރާއްޖޭގެ ސިޔާސީ މަޝްރަހުގައި އޮތީ ދެފިކުރެއް ކަމަށް ޣައްސާން ވިދާޅުވިއެވެ. އެއީ ބިނާ ކުރަނިވި ފިކުރާއި ފަނާ ކުރަނިވި ފިކުރު ކަމަށް ޣައްސާން ވިދާޅުވިއެވެ.

އެގޮތުން ބައްޕާފުޅު ރައީސް މައުމޫނު ޕީޕީއެމް އުފެއްދެވީ ފިކުރަކަށް ކަމަށާއި، ރާއްޖޭގައި ދެން އޮތީ އެމްޑީޕީގެ ފިކުރު ކަމަށް ޣައްސާން ވިދާޅުވިއެވެ. އަދި ބައްޕާފުޅު އުފެއްދެވި ޕާޓީގައި ބޮޑުބޭބެ ރައީސް ޔާމީންގެ އަރިހުގައި މަސައްކަތް ކުރައްވަން ފެއްޓެވީ ސީދާ ބައްޕާފުޅު އެންގެވި އެންގުމަކަށް ކަމަށް ޣައްސާން ވިދާޅުވިއެވެ.

ޕާޓީ އުފެއްދެވީ އަޅުގަނޑުގެ ބައްޕަ. ޕީޕީއެމްގައި ރައީސް ޔާމީންގެ އަރިހުގައި މަސައްކަތް ކުރަން ފެށީ ސީދާ އަޅުގަނޑުގެ ބައްޕަ ވިދާޅުވެގެން. ދެން ޖެހުނު މައްސަލަތަކެއް ޖެހިގެން ދިޔައީ. އެހެންނަމަވެސް އަޅުގަނޑަކީ ދެގޮތެއް ނުވެ އެއްގޮތަކަށް ހުންނަ މީހެއް. ސިޔާސީ މަންފާއެއް ހޯދާކަށް އަޅުގަނޑު ހުރި ޕާޓީ ބަދަލުކޮށްފަ ގޮއްސައެއް ނުހުންނާނެ.
ޣައްސާން މައުމޫން

ޣައްސާން ވިދާޅުވީ ޖެހުނު މައްސަލަތައް ޖެހިގެން ދިޔައީ ބައްޕާފުޅުގެ ވިދާޅުވުމަކަށް ރައީސް ޔާމީނު އަރިހުގައި މަސައްކަތް ކުރައްވަން ފެއްޓެވި ފަހުން ކަމަށެވެ. އޭނާ އަކީ ވަކި މަންފާއެއް ހޯދުމަށް ޕާޓީ ބަދަލު ކުރާނެ މީހެއް ނޫން ކަމަށާއި، އަބަދުވެސް ހުންނާނީ ދެގޮތެއް ނުވެ އެއް ގޮތަކަށް ކަމަށް ޣައްސާން ވިދާޅުވިއެވެ.

މީގެ އިތުރުން ޣައްސާން ވިދާޅުވީ އޭނާ މިހާރު ހުންނެވީ ހަގީގީ ފިކުރުގެ މަތީގައި ކަމަށެވެ. އެއީ ބިނާކުރަނިވި ފިކުރު ކަމަށް ޣައްސާން ފާހަގަ ކުރެއްވިއެވެ.

ހަގީގަތުގައި ދިވެހިރާއްޖޭގައި މިއޮންނަނީ ދެ ފިކުރު. އެއީ ބިނާކުރަނިވި ފިކުރާއި ފަނާ ކުރަނިވި ފިކުރު. ޕީޕީއެމް އުފެއްދެވީ ފިކުރަކަށް، މި ފިކުރާ އެމްޑީޕީ ފިކުރާ، ދެ ފިކުރު އޮތީ. އަޅުގަނޑުމެން އުއްމީދު ކުރަނީ އަނެއްކާވެސް މި ސަފުތަކުން ތިބޭފުޅުން ހީނުކުރެއްވިއަސް އެބޭފުޅުން ފެނިދާނެ ކަމަށް.
ޣައްސާން މައުމޫން

ޣައްސާން ވަނީ ރައީސް މައުމޫނުގެ ހިދުމަތަށް ގޮންޖަހާލެވޭނެ ފަދަ ދެވަނަ މީހަކު މި ރާއްޖޭގައި ނުހުންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި މިކަންކަން ލޮލުން ދެކި އަތުން ހިފި މީހުން ތިބި ކަމަށް ޣައްސާން ވިދާޅުވިއެވެ. ޣައްސާން ވިދާޅުވީ މިހާރު އެމްޑީޕީން ކިތަންމެ ވަރަކަށް މިކަންތައްތަކަކީ ނުވާ ކަންތައްތަކެއް ކަމަށް ހަދަން އުޅުނަސް އެގޮތަށް ނެހެދޭނެ ކަމަށެވެ.