މާލެ އާއި ހުޅުލެ އަދި ހުޅުމާލެއާ ދެމެދު ކުރާ ދަތުރުތަކަށް ޓެކްސީ ޑްރައިވަރުން ސަރުކާރުން ކަނޑައަޅާފައިވާ ވަރަށް ވުރެ އެތައް ގުނައެއް ބޮޑުކޮށް އަގު ނަގާ މައްސަލަ ބެއްލެވުމަށް ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ އާއި އެ މިނިސްޓްރީގެ އޮފިޝަލުން ވެސް ޓެކްސީ ތަކުގައި ދަތުރުކުރައްވަން ނިންމަވައިފި އެވެ.
"ވަން އޮންލައިން"އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ނަހުލާ މިއަދު ވިދާޅުވީ އެ މަސައްކަތް ފައްޓަވާނީ މާދަމާ ކަމަށާއި ދަތުރު ތަކުގައި އެ މިނިސްޓްރީގެ ސީނިއަރ އޮފިޝަލުން ވެސް ޓެކްސީ ތަކުގައި ދަތުރުކުރާނެ ކަމަށެވެ.
"ޓެކްސީ ޑްރައިވަރުން އަގު ނަގާ ގޮތުގެ ތަފްސީލު އަޅުގަނޑު އަމިއްލައަށް ވެސް ބަލަން އެބަ ބޭނުންވޭ. އަޅުގަނޑު ވެސް އަދި މި ތަނުގެ ސީނިއަރ އޮފިޝަލުންގެ ޓީމެއް ވެސް މާދަމާ މި ފެށޭ ދަތުރުތަކުގައި ޓެކްސީ ތަކުގައި ދަތުރުކުރާނެ. ބަލަން ބޭނުން ވަނީ އެކި ޑްރައިވަރުންގެ ފަރާތުން ފެންނަ އަގުގެ ތަފާތު." މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މާދަމާ އެބޭފުޅުން ޓެކްސީ ތަކުގައި ދަތުރުކުރެއްވުން އެއީ އަގު ބޮޑުކޮށް ފައިސާ ނަގާ މައްސަލަ ބެލުމުގެ ފެށުމެއް ކަމަށާއި ކުރިޔަށް އޮތް ތަނުގައި ދޭތެރެ ދޭތެރެއިން އެކަން ކުރައްވަމުން ގެންދަވާނެ ކަމަށެވެ.
"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގަ މިފަދަ ކަންކަން ހައްލު ކުރެވޭނީ އަޅުގަނޑުމެން އަމިއްލައަށް ނިކުމެ ކަންކަން ބަލައިގެން. އެހެންވީމަ އަޅުގަނޑު މި ފަށާ މަސައްކަތުގައި މިނިސްޓްރީ އާއި އޮތޯރިޓީގެ ސީނިއަރ މުވައްޒަފުންގެ ވެސް ބައިވެރިވާނެ." މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.
ޓެކްސީ ތަކުން މާލެ، ހުޅުލެ އަދި ހުޅުމާލެއާ ދެމެދު ކުރާ ދަތުރުތަކަށް އާދަޔާ ޚިލާފަށް ބޮޑު އަގު ނަގާ މައްސަލަ މި ފަހަކަށް އައިސް ވަނީ ބޮޑުވެފަ އެވެ. މި ކަމާ ގުޅުން ހުރި މައްސަލައެއްގައި ޓެކްސީ ޑްރައިވަރަކު ވަނީ އުމުރުން ދުވަސްވީ އަންހެނަކާއި އޭނާގެ ދަރިފުޅު ހައިވާ މައްޗަށް ބޭލުމަށް ފަހު ގޮސްފަ އެވެ. އެ ޑްރައިވަރު ދެމައިން ހައިވޭ މައްޗަށް ފައިބަން އެންގީ އޭނާ ނަގަން ބުނި އަގު ބޮޑު ވެގެން ދަތުރުކުރި އަންހެން މީހާ ސުވާލުކުރުމުންނެވެ.