ދުންޔާ މައުމޫން

ޝަރުއީދާއިރާ އިސްލާހުކުރަން ކުރަން ޖެހޭ މަސައްކަތް ވަރަށް ގިނަ: ދުންޔާ

އަހުމަދު ޖައިޝަން

ޝަރުއީ ދާއިރާ އިސްލާހުކުރުމަށާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރާން ޖެހޭ މަސައްކަތް ވަރަށް ގިނަ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ދުންޔާ މިހެން ވިދާޅުވީ ކުރީގެ ރައީސް، މުހައްމަދު ނަޝީދާ ބައްދަލުކުރެއްވުމަށް ފަހު މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ.

ދުންޔާ ރައީސް ނަޝީދާ ބައްދަލުކުރައްވާފައި ވަނީ މިއަދު އެމްޑީޕީގެ އޮފީހުގަ އެވެ.

"ޑިމޮކްރެސީ ހަރުދަނާ ކުރުމުގެ މަގުގައި ރާއްޖެއިން ކުރަމުން މިއަންނަ މަސައްކަތާ ގުޅޭ ގޮތުން ހިތްހަމަޖެހޭ ފަދަ މަޝްވަރާތަކެއް މި ބައްދަލުވުމުގައި ކުރެވުނު." ދުންޔާގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

ދުންޔާގެ ޓުވީޓުގައި އިތުރަށް ވިދާޅުވެފައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަށާއި އެމަނިކުފާނުގެ ސަރުކާރަށް ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ފޮރިން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އިރު ދުންޔާ ފާހަގަކުރެވިފައި ވަނީ ޖެހިލުން ކުޑަ ވަޒީރެއްގެ ގޮތުގަ އެވެ.