އަލަށް ގްރޭޑް އެކަކަށް ވަންނަ ދަރިވަރުންނަށް އަލުން ބޭނުންކުރެވޭ ފެން އަޅާފުޅި ދިނުމަށް ނިންމައިފިއެވެ.
އަލަށް ގްރޭޑް އެކަކަށް ދާ ހުރިހާ ދަރިވަރުންނަށް އަލުން ބޭނުންކުރެވޭ ފެން އަޅާފުޅި (ބީ.އެފް.އޭ ނުހިމެނޭ) ދޭން ނިންމާފައި ވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަން އަދި ޔުނިސެފް މޯލްޑިވްސް ގުޅިގެން، މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ ފަރާތުންނެވެ. މީގެ އަމާޒަކީ، އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް އަދި ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުން ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.
މިއަހަރުގެ ތެރޭގައިވެސް މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިސްނެގުމުގެ ދަށުން ވަނީ ޕްލާސްޓިކް މަދުކުރުމަށް ސްކޫލްތަކަށް އަމާޒުކޮށްގެން ފަރުކޮއިގެ ނަމުގައި ޕްރޮގްރާމެއް ހިންގާފައެވެ. މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގެ އެތައް ސްކޫލަކުން ވަނީ ސްކޫލް ތެރޭގައި ޕްލާސްޓިކް ކޮތަޅާއި ޕްލާސްޓިކް ފުޅި ފަދަ އެއްޗެހި ގެންގުޅުން މަނާކޮށްފައެވެ.