ޝަހީދާ އަބްދުﷲ ސައީދު
ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ބެހުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ސޮއިކުރައްވާފައިވާ ކޯލިޝަންގެ އެއްބަސްވުމާ އެއްގޮތަށް ބެހުމަށް ހުރަސްއަޅަނީ އެމްޑީޕީގައި ރައީސް ސޯލިހުއަށްވުރެ އެޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ބާރު ގަދަކަން ދެއްކުމަށް ކަމަށް ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.
''ރައްޔިތުންގެ މަޖިލީހުގެ ގޮނޑިތައް ކޯލިޝަންގެ ލީޑަރުންގެ މެދުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސޮއިކުރައްވާފައިވާ އެގްރިމެންޓާ އެއްގޮތަށް ބެހުމަށް ހުރަސްއަޅަނީ އެމްޑީޕީގައި ރައީސް ސޯލިހުއަށް ވުރެ ރައީސް މުހައްމަދު ނަޝީދުގެ ބާރު ގަދަކަން ދެއްކުމަށް. އެމްޑީޕީގެ އަސާސީ ގަވާއިދު: ޕާޓީގެ އެންމެ އިސްވެރިޔަކީ ރައީސުލްޖުމްހޫރިއްޔާ." ހަލީލުގެ ޓުވީޓުގައި ވިދާޅުވިއެވެ.
މަޖިލީހުގެ ގޮނޑިތައް ބެހުމާ މެދު ކޯލިޝަންގެ ލީޑަރުންގެ މެދުގައި މިހާރު އަންނަނީ މަޝްވަރާތައް ކުރަމުންނެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހުވެސް ކޯލިޝަންގެ ލީޑަރުންގެ މެދުގައި މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވެއެވެ. އެހެން ނަމަވެސް މިހާ ހިސާބަށް އައި އިރު އެކަމަށް ހައްލެއް ލިބިފައެއް ނުވެ އެވެ.