އަލީ ޔާމިން
ސަރުކާރު ހިންގާ ކޯލިޝަނުން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމުގެ، މޯލްޑިވްސް ރީފޯމް މޫމަންޓް (އެމްއާރްއެމް) ވަކިކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ދިވެހި ރައްޔިތުންގެ ޕާޓި (ޑީއާރްޕީ)އިން ބުނެފިއެވެ.
އެޕާޓީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ސޮއިކުރައްވައި ރައީސް މައުމޫނަށް މިއަދު ފޮނުއްވި ކަމަށް ޑީއާރުޕީން ޓުވީޓުކޮށްފައިވާ ސިޓީގައި ބުނީ، ރާއްޖޭގައި މިހާރު މިއޮތް ސަރުކާރުގެ މުހިންމު ނިންމުންތަކުގައި އަދި ދިވެހި ސަރުކާރު ނެގެހެއްޓުމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވައުދުވެވަޑައިގެން އެމަނިކުފާނު (އަބްދުﷲ ޖާބިރު)ގެ އަތުން 29 މިލިއަން ރުފިޔާ ރައީސް މައުމޫން ނެންގެވި ކަމަށާއި އެފައިސާ އަނބުރާ ނުދެއްކިއްޖެނަމަ މއ. ކިނބިގަސްދޮށުގެ ދެއްވާނެ ކަމަށް ރައީސް މައުމޫން ހެކިންގެ ހާޒިރުގައި ވައުދުވެވަޑައިގެންފައިވާ ކަމަށެވެ.
ނަމަވެސް އެ ވައުދު ރައީސް މައުމޫން ފުއްދަވާފައި ނުވާތީ، އެ ފައިސާ ހޯދުމަށް މަދަނީ ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.
މީގެ އިތުރުން ރައީސް މައުމޫނަކީ ވައުދަށް ހުރުމަތްތެރިކޮށް ނުހިއްތަވައި، އިތުރުފުޅު ހައްދަވައި، ހީލަތް ހައްދަވައި، ބަހުގެ ތެދުވެރިކަން ނެތް ބޭފުޅެއްކަން ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެހާ ޕާޓީތަކަށް ސާބިތުކޮށްދީ، ސަރުކާރު ހިންގާ ކޯލިޝަނުން އެމްއާރުއެމް ވަކިކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ޑީއާރުޕީން ފަށާފައިވާ ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.
އެމްއާރުއެމްއާއެކު ސަރުކާރު ހިންގާ ކޯލިޝަނުގައި ދެން ހިމެނެނީ އެމްޑީޕީއާއި ޖޭޕީގެ އިތުރުން އަދާލަތު ޕާޓީއެވެ.