އަހްމަދު ނިހާން ހުސައިން މަނިކު

ތިނަދޫގެ ފެނުގެ މައްސަލަ ކުރިއަށްއޮތް 12 ގަޑިއިރުގެ ތެރޭގައި މިސަރުކާރަށް ހައްލުކުރެވެން ވާނެ: ނިހާން

1

ގދ. ތިނަދޫގެ ފެނުގެ މައްސަލަ ކުރިއަށްއޮތް 12 ގަޑިއިރުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ހައްލުކުރެވެން ވާނެ ކަމަށް ޕީޕީއެމް ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތިނަދޫ ދެކުނު ދާއިރާއަށް ވާދަކުރެއްވުމަށް ނިންމަވާފައިވާ ނިހާން އެހެން ވިދާޅުވެފައިވަނީ އޭނާ ކުރެއްވި ޓުވީޓެއްގައެވެ.

ނިހާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތިނަދޫ އިންޖީނުގޭގައި ރޯވެ އެނދުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުން 24 ގަޑިއިރު ތެރޭ މަލެއިން ޖަނަރޭޓަރެއް ގެންގޮސް އެރަށަށް ކަރަންޓު ފޯރުކޮށްދިން ކަމަށާއި ރައީސް ސޯލިހުގެ ސަރުކާރުން ވެސް 12 ގަޑިއިރު ތެރޭ ފެނުގެ މައްސަލަ ހައްލުކުރެވެން ޖެހޭނެ ކަމަށެވެ.

"ގދ. ތިނަދުއަށް 24 ގަޑިއިރު ފެން ލިބޭނެ އަވަސް ގޮތެއް ފެނަކައިން ހޯއްދަވަން ޖެހޭ. ރައީސް ޔާމީންގެ ސަރުކާރުގައި ތިނަދޫ އިންޖީނުގޭގައި ރޯވެ އެނދުމުން 24 ގަޑިއިރު ތެރޭ މާލެއިން ޖަނަރޭޓަރެއް ގެންގޮސް ކަރަންޓު ދިން. ރައީސް ސޯލިހުގެ ސަރުކާރުގެ 12 ގަޑިއިރުން މިކަން ހައްލުވާންވާނެ،" ނިހާން ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ގދ. ތިނަދޫ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމުގެ ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން 300 ޓަނުގެ ފެން ޕްލާންޓެއް ބެހެއްޓުމަށް ފެނަކަ ކޯޕަރޭޝަނުން ވަނީ ނިންމައިފައެވެ. އެ ފެން ފްލާންޓް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށްއޮތް ހަފްތާއެއްހާ ދުވަސްތެރޭ ފެށިގެންދާނެ ކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިން ބުނީ ތިނަދޫގައި ފެނުގެ ހިދުމަތް ދެމުންދިޔަ 150 ޓަނުގެ ފެން ޕްލާންޓަށް މިވަގުތު ކުއްލި ޓެކްނިކަލް މައްސަލައެއް ދިމާވުމުގެ ސަބަބުން އެރަށުގެ އެކި ހިސާބުތަކުން ފެނުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށާއި އެ މައްސަލަ ހައްލުކުރަމުންދާ ވަގުތުވެސް ރަށުގެ އެކި ހިސާބުތަކުން އެކި ވަގުތު ފެނުގެ ހިދުމަތް ކެނޑިދާނެ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟