ސ. ހިތަދޫ ސަރަަހައްދީ ބަނދަރާއި ހދ. ކުޅުދުއްފުށީ ސަރަހައްދީ ބަނދަރަށް ބާލައި، މުދަލުގެ ޑިއުޓީ 50 ޕަސެންޓަށް ކުޑަކުރުމަށް ގާނޫނަށް ހުށަހެޅި އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފިއެވެ.
އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ވިސާމް ހުށަހެޅުއްވި އިސްލާހުތައް ދިރާސާ ކުރުމަށް މިއަދު ވަނީ މުޅި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފައެވެ.
އެ ބައްދަލުވުމުގައި ސ. ހިތަދޫ ސަރަަހައްދީ ބަނދަރާއި ހދ. ކުޅުދުއްފުށީ ސަރަހައްދީ ބަނދަރަށް ބާލައި، މުދަލުގެ ޑިއުޓީ 50 ޕަސެންޓަށް ކުޑަކުރުމަށް ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދެވެ. އެ އިސްލާހަށް ތާއީދު ކުރެއްވީ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފެވެ.
އެ އިސްލާހުގައި 43 ޗެޕްޓަރަކުން 50 ޕަސެންޓް ޑިއުޓީ ކުޑަކުރަން ރަޝީދު ހުށަހަޅުއްވިއެވެ. އެ އިސްލާހުތަކާ ދެކޮޅަށް އެއްވެސް މެންބަރަކު ވާހަކަދައްކަވާފައެއް ނުވެއެވެ. ރަޝީދު ހުށަހެޅުއްވި އިސްލާހު ފާސްވީ 54 މެންބަރުންގެ ވޯޓުންނެވެ.
ހިތަދު އާއި ކުޅުދުއްފުށީ ސަރަހައްދީ ބަދަރަށް ބާލާ މުދަލުގެ ޑިއުޓީ 50 ޕަސެންޓް ކަނޑާލާ ބައެއް މުހިންމު ޗެޕްޓަރުތައް:
އިސްލާހުތައް ހުށަހަޅުއްވަމުން މެންބަރު ރަޝީދު ވިދާޅުވީ، ހިތަދު އާއި ކުޅުދުއްފުށީ ސަރަަހައްދީ ބަދަރަކީ ގިނަ ދުވަސްތަކެއް ވަންދެން ސަރުކާރުން ބޮޑެތި ހަރަދުތަކެއްކޮށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އަންނަ ދެ ބަނދަރު ކަމަށެވެ.
އެގޮތުން މި އިސްލާހުތަކާއެކު ވިޔަފާރީގެ ހަބަކަށް އެ ދެ ބަނދަރުވެ އެ ސަރަހައްދުތަކުގައި ވަޒީފާގެ ފުރުސަތުތައް އުފެދި، ވިޔަފާރި ގުންދަތަކާއި ތަންތަން ގާއިމްވެ، އިގްތިސާދީ ޒޯނަކަށް ބަދަލުވެ، އޭގެ މަންފާ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
މި އިސްލާހަށް ތާއީދު ކުރައްވަމުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވެސް ވިދާޅުވީ، ރާއްޖޭގެ އުތުރާއި ދެކުނުގެ ބަނދަރަށް މުދާ ބާލަން ފެށުމުން ބޮޑެތި ފައިދާތަކެއް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ. އެގޮތުން މިހާރު މާލޭގެ ބަނދަރަށް ބާލާ މުދަލަށް ނާލުދީގެން ރަށްރަށަށް ގެންދިއުމުން ކާޑާއި ޒަރޫރީ ތަކެތި މާލެއަށްވުރެ ރަށްރަށުން ލިބޭ އަގު ބޮޑުވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި އިސްލާހުގެ އިތުރުން ވެސް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް މުޅި މަޖިލީހުން ހަ އިސްލާހެއް މިއަދު ގެނައެވެ. އަދި އެ އިސްލާހުތައް އެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.