ޚަބަރު

ކުޑަކުއްޖާގެ ބޮލަށް ސިމެންތި ބަސްތާ ވެއްޓުނު ސައިޓުގައި މަސައްކަތް ކުރީ ގަވައިދާ ޚިލާފަށް: ޕްލޭނިން މިނިސްޓްރީ

މަރިޔަމް ޝަހުދާ

ކުޑަކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާ ވެއްޓުން ސައިޓުގައި މަސައްކަތް ކުރަމުން ދިޔައީ ގަވައިދާ އެއްގޮތަށް ނޫން ކަމަށް މިނިސްޓްރީ އޮފް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރއިން ބުނެފިއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ވާގޮތުން، ސިމެންތި ބަސްތާ ވެއްޓުނީ ގަވައިދާ އެއްގޮތަށް މަސައްކަތް ކުރަމުން ދިޔަ ތަނަކުންނޭ ބުނެ ދެ ނޫހެއްގައި ލިޔެފައިވާ ހަބަރަކީ ހަގީގަތާ ހިލާފު ދޮގު ހަބަރުތަކެކެވެ.

އެ ދެ ނޫހުން "ސިމެންތި ބަސްތާ ވެއްޓުނީ ގަވައިދާ އެއްގޮތަށް މަސައްކަތް ކުރަމުން ދިޔަ ތަނަކުން" ކަމަށް ބުނެ ހަބަރު ލިޔެފައި ވަނީ އެ މިނިސްޓްރީން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމަށް ފަހުއެވެ. މިކަމާގުޅޭ ގޮތުން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ބުރާސްފަތި ދުވަހު މިނިސްޓްރީގެ ފަރާތުން ނޫސްވެރީންގެ ބައްދަލުވުމުގައި ބައިވެރިވި މިނިސްޓަރ އޮފް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް އަދި އިތުރު އޮފިޝަލެއް ވެސް އެފަދަ ސްޓޭޓްމަންޓެއް ދީފައި ނުވާނެ ކަމަށެވެ.

މީގެ އިތުރުން ދޮގު ހަބަރު ފަތުރައި ރައްޔިތުންނަށް ހަގީގަތް އޮޅޭ ފަދަ މައުލޫމާތު ގެނެސް ދިނުމަކީ ތަހުޒީބު ކަމެއް ނޫން ކަމަށާއި، އެއީ ނޫސްވެރިކަމުގެ މިންގަނޑުތަކާ ހިލާފު ކަމެއް ކަމަށް މިނިސްޓްރީގެ މި ބަޔަނުގައި ވެއެވެ.