ލައިފް ސްޓައިލް

ލެންސް ލައްވާ ނަމަ މޭކަޕް ކުރުމުގައި ބަލަން ޖެހޭ ކަންކަން

ކޮންޓެކްޓް ލެންސް ލައްވާތީ މޭކަޕް ކުރުމަށް ޖެހިލުންވާކަށް ނުޖެހެއެވެ. ބައެއް ކުދި ކުދި ކަންކަމަށް ފަރުވާތެރި ވެގެން މޭކަޕް ކޮށްލެވިދާނެވެ. ނަމަވެސް އެންމެ ފުރަތަމަ ފަރުވާތެރި ވާންވީ އަތް ރަނގަޅަށް ދޮވުމަށެވެ. އަތް ރަނގަޅަށް ސާފު ނުކޮށް ބޭނުން ކުރުމުގެ ސަބަބުން ލޮލަށް ގެއްލުންވެ އިންފެކްޝަން އުފެދުމަށް މަގުފަހިވާނެ އެވެ.

1. އޮއިލް ބޭސްޑް މޭކަޕާ ދުރުވުން

ލެންސް ލައްވާނަމަ އޮއިލް ފްރީ މޭކަޕް ހޯދާށެވެ. އެއީ އައި ޝެޑޯއަށް ވިއަސް، އައި ލައިނާއެއް ވިއަސް މެއެވެ. މޭކަޕްގައި ހިމެނޭ އޮއިލް ނުވަތަ ތެލުގެ ސަބަބުން ލޮލަށް ގެއްލުން ލިބޭގޮތް މެދުވެރި ވެދާނެއެވެ. ބޮޑަށް ރަނގަޅީ، ވޯޓަރ ބޭސްޑް ފައުންޑޭޝަނެއް ބޭނުން ކުރުމެވެ. އެއީ ފަސޭހައިން ލޯކައިރީގައި މޭކަޕް ހާކާލެވޭނެތީއެވެ.

2. "ޑެއިލީ ލެންސް" ހޯދުން

މޭކަޕް ކުރުމާއެކު ހާއްސަކޮށް ލޮލުގައި ގަދައަށް މޭކަޕް ހޭކުމުން އެދުވަހެއްގައި ބޭނުން ކުރި ލެންސް އަނެއް ދުވަހު ބޭނުން ކުރުން އެހާ ރަނގަޅެއް ނުވާނެއެވެ. މިއީ ވަރަށް ނުރައްކާތެރިވެސް ވެދާނެ ކަމެކެވެ. އެހެން ކަމުން މޭކަޕް ކުރާ ދުވަސް ދުވަހަށް "ޑެއިލީ ލެންސް" ހޯދާށެވެ. އޭރުން އެދުވަހު ބޭނުން ކުރުމަށްފަހު އެ ލެންސް އެއްލައިލެވޭނެއެވެ. އަދި އަނެއްދުވަހު އާ ލެންސެއް ބޭނުން ކުރެވިދާނެއެވެ.

3. މޭކަޕް ކުރުމުގެ ކުރިން ލެންސް ލައްވަންވާނެ

ގިނަ މީހުން މޭކަޕް ކުރުމަށްފަހު ލެންސް ލައްވަން މަސައްކަތް ކުރެއެވެ. މިހެން ހެދުމުން ލޮލުގައި ހާކާފައިވާ މޭކަޕް ފޭދޭގޮތް ވެއެވެ. އެހެން ކަމުން އެންމެ ރަނގަޅު ގޮތަކީ މޭކަޕް ކުރަން ފެށުމުގެ ކުރިން ލެންސް ލެއްވުމެެވެ. އޭރުން ލެންސް ލޮލަށް ހަމަޖެހޭން ވެސް ވަގުތު ލިބޭނެއެވެ.

4. އައިލައިނަރ ޓްރިކް

ލެންސް ލައްވާނަމަ ލޮލުގެ ވޯޓަރ ލައިންގަޔާއި ލޭޝް ތެރޭގައި އައިލައިނަރ އެޅުން ރަނގަޅެއް ނުވާނެއެެވެ. އޭގެ ބަދަލުގައި އައިލައިނަރ އަޅާނީ ލޮލާ ދުރުކޮށް ލޭޝް މަތީގައެވެ.

5. ރަނގަޅު މަސްކަރާ އެއް އިހުތިޔާރު ކުރުން

ލެންސް ލައްވާނަމަ ފައިބަރ ބޭސްޑް މަސްކަރާގެ ބަދަލުގައި ވޯޓަރ ބޭސްޑް މަސްކަރާއެއް އިހްތިޔާރު ކުރާށެވެ. އަދި މަސްކަރާ އެސްފިޔާގައި ހާކާނީ އެއްފަހަރުއެވެ. އޭރުން "ކޭކީ" ފީލެއް ނުހުންނާނެއެވެ.