މުހައްމަދު އައުޒަމް
"މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018"ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ގާސިމް އިބްރާހިމަށް ލިބިއްޖެއެވެ.
ޕެރަޑައިސް އައިލެންޑް ރިސޯޓް އެންޑް ސްޕާގައި މިހާރު ކުރިއަށްދާ "މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018" ގާލާގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ގާސިމް އިބްރާހިމަށް ދެއްވީ ހަފްލާގެ ޝަރަފްވެރި މެހްމާން ދިވެހި ދައުލަތަށް ގިނަދުވަހު ހިދުމަތް ކުރައްވާފައިވާ ނިޝާން އިޒުއްދީނުގެ ވެރިޔާ އައްބާސް އިބްރާހީމެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީގެ ފައްުންޑަރ އަދި ވިލާ ގްރޫޕްގެ ޗެއަރމަން އަދި މެނޭޖިންގ ޑައިރެކްޓަރ އޮނަރަބަލް ގާސިމް އިބްރާހިމަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި އެންމެ ތަޖުރިބަކާރު އަދި އެންމެ ފުންނާބު އުސް އެއް ފަރާތެވެ. ރާއްޖޭގެ އިގްތިސާދުގައި ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުމުގައި ގާސިމް އިބްރާހިމްގެ ހިއްސާ ފުޅާ ދާއިރާއެއްގައި ފާހަގަކޮށްލެވެއެވެ. ދައުލަތުގެ ބޮޑެތި މަގާމުތަކުގައި ގައުމަށް ހިދުމަތްތަކެއް ކޮށްފައިވާ ގާސިމް އިބްރާހީމަކީ މިހާރު ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި ރައީސެވެ.
މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018 އަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާ ތަރައްގީ ކުރުމަށް ކުރާ މަސައްކަތާއި އިގްތިސާދަށް އަންނަ ބަދަލުގެ އިތުރުން އެހެން ވިޔަފާރިތަކަށް ހިތްވަރުދިނުމަށް ބްލޭޒަން އިންކްއިން ދޭ އެވޯޑެކެވެ.
"މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2018"ގެ ޖަޖިން ޕެނަލްގައި ހިމެނެނީ ހަމްދޫން އަބްދުﷲ ހަމީދު އާއި ޑރ. އާއިޝަތު މުނީޒާ އާއި ޑރ. މަރިޔަމް ވަސީމާ އާއި ޑރ. އަޒްމިރަލްޑާ ޒާހިރު އަދި އަހްމަދު މާޒިންގެ އިތުރުން އަޝްރަފް ރަޝީދާއި އަބްދުﷲ ގިޔާސް ރިޔާޒާއި ފާތިމަތު ޝާނާ ފާރޫގު އަދި އިބްރާހިމް އާތިފް ޝަކޫރެވެ.
2016 ވަނަ އަހަރު އުފެދުނު ބްލޭޒަން އިންކްއަކީ ޕަބްލިކް ރިލޭޝަންސް މާކެޓިންގް އަދި ބިޒްނަސް މެނޭޖްމަންޓްގެ މަސައްކަތްތަކަށް ހާއްސަ ކުންފުންޏެކެވެ. މިއީ ބްލޭޒަން އިންކުން މޯލްޑިވްސް ބިޒްނަސް އެވޯޑްސް ދޭ ފުރަތަމަ އަހަރެވެ.
ބިޒްނަސް އެވޯޑްސްގެ ޓައިޓަލް ސްޕޮންސަރަކީ އެސްޓީއޯއެވެ. އަދި ޕްލެޓިނަމް ސްޕޮންސަރަކަށް އެލައިޑް އަދި ދިރާގެވެ. ގޯލްޑް ސްޕޮންސަރުންނަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، ކޯލައިން މޯލްޑިވްސް އަދި އެޓޯލް މާކެޓްއެވެ.